މޫސުން ގޯސްވެ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ މި އެލާޓްގައި ވިދާޅުވެފައި ވަނީ މިއަދު މެންދުރު ފަހު 2:30 އިން މިރޭ 8:00 އަށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ދުވަސް ކޮޅު އަންނަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ބޯކޮށް ވާރޭވެހެމުންނެވެ. އެހެން ކަމުން މެޓް އިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުމާ ބެހޭ އެލާޓްތައް ދަނީ ނެރެމުންނެވެ. އެގޮތުން ރޭ ދަންވަރުވެސް ވަނީ މެދު ރާއްޖެތެރޭގެ އަތޮޅު ތަކަށް ޔެލޯ އެލާޓް ނެރެފައެވެ.
މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މެޓުން ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި މެދުރާއްޖެތެރެއަށާއި ދެކުނުގެ އަތޮޅު ތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވޭ" މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައިޖެހޭނެކަމަށް ލަފާކޮށް މެޓުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކުގައި މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން ވަނީ ދަންނަވާފައެވެ.




