ރައީސް ޔާމީން ކުރެއްވީ ގައުމު އާރާސްތު، ރައީސް ޞާލިޙް ކުރެއްވީ ގައުމު ނިކަމެތި- ޝިޔާމް

ރައީސް ޔާމީން ކުރެއްވީ ގައުމު އާރާސްތު ކަމަށާއި އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވީ ގައުމާއި ރައްޔިތުން ނިކަމެތިކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމެބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރާ ޖުމްހޫރީ ދުވަހާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ކުރެއްވީ ގައުމު އާރާސްތުކަމަށާއި، އެމަނިކުފާނު އަމާޒު ހިއްޕެވީ ސަރަހައްދުގެ އެންމެ ފުދުންތެރި ގައުމަކަށް ރާއްޖެ ހައްދަވަން ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީން ހިފެހެއްޓެވީ އިސްލާމީ ރިވެތި އުސޫލުތަށް ކަމަށާއި، ޔަގީންކުރެއްވީ ގައުމުގެ މިނިވަންކަމާ އިސްތިޤްލާލް ކަމަށް ޝިޔާމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މި ސަރުކާރަށް ފާޑުވިދާޅުވެ ޝިޔާމްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވީ ގައުމާއި ރައްޔިތުން ނިކަމެތިކަމަށާއި، އަދި މި ވެރިކަމުން ގެއްލުވާލީ ޖުމްހޫރިއްޔަތުގެ ސިފަކަމަށެވެ.

ރައީސް ޞާލިޙް ޖުމްހޫރީދުވަހުގެ މުނާޞަބަތުގައި ދިވެހި ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ޚިޠާބުގައި އެ މަނިކުފާނުގެ ޒަޢާމަތުގައި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރައްވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ވަނީ ދެއްވާފައެވެ.

ޖުމްހޫރީދުވަހުގެ މުނާޞަތުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަޞީލަތްތައް މެދުވެރިކުރައްވައި ދިވެހި ޤައުމާ މުޚާޠަބުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން މިހާތަނަށް ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައެވެ. އެހެންކަމުން ރައީސް ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ