މާލޭ ސިޓީ ކައުންސިލުން ލޮނުޒިޔާރަތް ކޮޅުގައި ހަދާފައިވާ "ލޮނުޒިޔާރަތް ޕާކު" މިއަދު ހުޅުވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ހަރަކާތްތަކުގެ ތެރޭއިން މިއަދު ހަވީރު މާލޭ ސިޓީ ކައުންސިލުން ލޮނުޒިޔާރަތް ކޮޅުގައި ހަދާފައިވާ "ލޮނުޒިޔާރަތް ޕާރކް" ހުޅުއްވައިދެއްވީ ދައުލަތަށް ޚިދުމަތްކުރެއްވި، ނިޝާން އިޢްޒުއްދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އެވެ.
މި ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ޕާކު ތައްޔާރުކުރުމުގެ މަސައްކަތް ސިޓީކައުންސިލުން ފަށާފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ފަހުކޮޅުގައެވެ. މި ސަރަހައްދަކީ ބްރިޖްގެ މަސައްކަތަށްފަހު، ކޮންސްޓްރަކްޝަން ސައިޓެއްގައިގޮތުގައި އޮތް އެ ސަރަޙައްދެކެވެ.

މި ސަރަހައްދުގައި ޕާކެއް އެޅުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާފައިވާއިރު، ބާގީޗާއެއްގެ ތީމަށް ތައްޔާރުކޮށްފައިވާ މި ޕާކުގައި އެކި ބާވަތްތަކުގެ ގަސްގަހާގެހި އިންދާފައިވެއެވެ. އަދި ފާހަނާ ބަރިއެއްގެ އިތުރުން ޑިސޭބަލް ކުދިންނަށްވެސް ފަސޭހައިން ފުރުޅުލީ ގޮންޑީގަވެސް އުޅެވޭގޮތަށް ވޯކްވޭތައްވެސް ވަނީ މި ޕާކުގައި ތައްޔާރުކޮށްފައެވެ.
ސިޓީ ކައުންސިލުން މި ޕާކު ތައްޔާރުކޮށްފައިވަނީ ސަރުކާރުގެ އެކި ކުންފުނި ތަކުގެ އެހީއާއި އެކުގައެވެ.



