ގަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކުރާ 45 ތަނެއް ބަންދުކޮށްފި

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)، މާލެ ސިޓީ ކައުންސިލް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް އޮޕަރޭޝަންގައި މިހާތަނަށް 400 ތަނެއް އިންސްޕެކްޓްކޮށް، މިންގަނޑަށް ނުފެތޭ 45 ތަނެއް ވަނީ ބަންދުކޮށްފައެވެ.

މި އިންސްޕެކްޝަން އޮޕަރޭޝަނަކީ ކޮންމެ އަހަރަކު ކުރިއަށްގެންދާ އޮޕަރޭޝަނެއް ނަމަވެސް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާ އެކު މި އަހަރުގެ އިންސްޕެކްޝަން ވަނީ އިތުރަށް ހަރުދަނާކުރެވިފައެވެ. މި އޮޕަރޭޝަންގައި ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް، ޓޭކްއަވޭ ތަންތަނުގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ އެހެނިހެން ތަންތަނާއި، ހުއްދަ ނުނަގައި ގަވާއިދާ ޚިލާފަށް ޚިދުމަތްދޭ ތަންތަން ބަލައި ފާސްކުރެވެއެވެ.

އެމްއެފްޑީއޭއިން ބުނާ ގޮތުގައި މި އޮޕަރޭޝަންގައި ޤާނޫނުގައި ހިމެނޭ ކަންކަން ތަންފީޒުކުރެވޭނެއެވެ. އެގޮތުން "ގަވާއިދާ ޚިލާފަށް ހިންގާ ތަންތަން އައު ޤާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި، ހުއްދަ ނުނަގައި ހިންގާ ތަންތަން ބަންދުކުރުމުގެ އިތުރުން އެފަދަ ތަންތަނުގެ މަޢުލޫމާތު އާންމުކުރެވޭނެ" ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

މި އިންސްޕެކްޝަން އޮޕަރޭޝަން ކުރިއަށްދަނީ މި މަހުގެ 21 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް ގްރޭޓަރ މާލެ ސަރަޙައްދުގައެވެ. މާލެ ސިޓީ 6 ނެއިބަރހުޑަކަށް ބަހާލައިގެން ކުރިއަށްދާ މި އޮޕަރޭޝަންގައި، ކޮންމެ ނެއިބަރހުޑަކަށް އެމްއެފްޑީއޭ އާއި މާލެ ސިޓީ ކައުންސިލްގެ ޖޮއިންޓް ޓީމެއް ވަނީ ކަނޑައަޅާފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން، ކާބޯތަކެތި ވިއްކާ ތަންތަން ރަޖިސްޓަރީކޮށް ޚާއްޞަ ލައިސަންސެއް ނެގުމަކީ މިހާރު ލާޒިމު ކަމެކެވެ. އަދި އިހުމާލުގެ ކުޑަބޮޑުމިނަށް ބަލައި، 10,000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު މި ޤާނޫނުގެ ދަށުން ލިބިދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ