މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބަލަން ކުރިއަށް ގެންދާ އެންޓިބޮޑީ ސާވޭއަށް ސާމްޕަލް ނަގާއި ނިމިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެެ.
އެޗްޕީއޭ އިން ބުނީ ކޮވީޑް-19 ސީރޯޕްރިވެލަންސް ސާވޭއަށް މާލެ ސަރަހައްދުން ނަގަމުން އައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި އެ ސާވޭގައި ބައިވެރިވި ފަރާތްތަކަށް އެޗްޕީއޭ އަދި އެމްއެންޔޫގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މާލޭ ސަރަހައްދުގައި އެންޓިބޮޑީ ސާވޭ ހަދަން ފަށާފައި ވަނީ މީގެ 28 އަކަށް ދުވަސް ކުރިންނެވެ.
❇️ #Covid19 seroprevalence study of randomly selected participants from the general population in greater Male’ area is now complete.
HPA and MNU thank everyone who partipated in the study.
Thank you.
— Health Protection Agency (@HPA_MV) November 12, 2020
އެ ސާވޭ ކުރުމަށް މާލޭގައި ސްޓޭޝަންތައް ގާއިމް ކޮށްފައިވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައެންސަސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގައެވެ.
މި ދިރާސާއަށް މީހުން ހޮވާފައި ވަނީ މާލޭ ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން ގުރުއަތުން ހޮވާލެވޭ 4098 ބައިވެރިންނެވެ. އަދި ދިރާސާއަށް ބައިވެރިން ގުރުއަތުން ހޮވާފައި ވަނީ އެކި އުމުރު ފުރާތަކުންނެވެ.
އެ ދިރާސާ ކުރުމަށް 0-17 އަހަރާ ދެމެދުގެ 936 ސާމްޕަލެއް ނަގަން ހަމަޖެހިފައިވާއިރު 18-34 އަހަރާ ދެމެދުގެ 1730 ސާމްޕަލް އަދި 35-59 އަހަރާ ދެމެދުގެ މީހުންގެ 1232 ސާމްޕަލެއް ނަގާނެ އެވެ. އަދި 60 އަހަރުން މަތީގެ މީހުންގެ 200 ސާމްޕަލެއް ވެސް ނެގުމަށް ހަމަޖެހިފައިވެ އެވެ.
އަދި މިސާވޭގެ ނަތީޖާ ހާމަކުރާނީ ސީދާ ކޮންއިރަކު ކަމެއް އެޗްޕީއޭއިން އަދި ހާމަކޮށްފައެއް ނުވެއެވެ.




