ހެލިކޮޕްޓަރެއް ވެއްޓި މިސްރުގެ ސައިނާ ޕެނެސިއުލާގައި ސުލްހަ ގާއިމްކުރުމަށް ހަރަކާތްތެރިވާ ފައުޖުގެ އަށްމީހުން މަރުވެއްޖެއެވެ.
މަރުވެފައިވާ އަށް މީހުންނަކީ އިސްރާއިލްއާއި މިސްރު ހިއްސާކުރާ ސަރަހައްދީ ރޮނގު ބެލެހެއްޓުމަށް އެކުލަވާލައިފައިވާ ދަ މަލްޓިނޭޝަނަލް ފޯސް އެންޑް އޮބްޒާވާސް (އެމްއެފްއޯ) އަށް ނިސްބަތްވާ އަށް މީހުންނެވެ.
ހެލިކޮޕްޓަރު ވެއްޓުނު ސަބަބެއް އަދި ހޯދިފައި ނުވާއިރު މިހާތަނަށް ހޯދިހޯދުމުން މިހާދިސާ ހިނގަން މެދުވެރިވީ ދިމާވި އެކްސިޑެންޓަކުން ކަމަށް މައުލޫމާތު ލިބެއެވެ. ހެލިކޮޕްޓަރު ވެއްޓުނުއިރު ހެލިކޮޕްޓަރުން ނުވަމީހަކުވަނީ ދަތުރު ކޮށްފައެވެ. މިހާދިސާގައި އެކަކުވަނީ ސަލާމަތް ވެފައެވެ.
ސަލާމަތްވި މީހާއަށް އިސްރާއިލްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން އަންނައިރު މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ހަމީހުންނާއި ފުރާންސް އެކަކާއި އަދި ޗެކް ރިޕަބްލިކުގެ އެކަކެވެ.
ސައިނާ ޕެނެސިއުލާއަކީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސްއެސްއަށް ނިސްބަތްވާ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ހަނގުރާމަވެރިން މިސަރަހައްދުގައި ދިން ހަމަލާތަކުގައި މިސްރުގެ އެތައް ސަތޭކަ ސިފައިންނެއްވަނީ މަރާލައިފައެވެ.
އެމްއެފްއޯ އަކީ މިނިވަން ބައިނަލްއަގްވާމީ ފައުޖެކެވެ. މި ފައުޖު އެކުލަވާލައިފައިވަނީ މިސްރާއި އިސްރާއިލުން އެއްބަސްވި ސުލްހައިގެ އެއްބަސްވުމުގެ ދަށުން 1979 ވަނަ އަހަރުއެވެ. އެމްއެފްއޯގައި 1،154 ސިފައިންގެ މީހުން 13 ގައުމަކުން ހިމެނެއެވެ.