މިސްރުގެ ސުވޭސް ކެނަލްގައި މިއަހަރުގެ މާރޗްމަހު ހުރަހަަށް ތާށިވި ކޮންޓޭނާ ބޯޓު 'އެވަރ ގިވެން' ދޫކޮށްލުމަށް ބޯޓުގެ ވެރިފަރާތާއި މިސްރުގެ ކަމާބެހޭ އިދާރާތަކާއި ދެމެދު އެއްބަސްވުމަކަށް އާދެވިއްޖެއެވެ.
ބޯޓުގެ ވެރިފަރާތުންނާއި މިސްރުގެ ކަމާބެހޭ އިދާރާތަކުން ބުނީ އަންނަ ބުދަދުވަހު އެވަރ ގިވަން ބޯޓަށް ދަތުރު ކުރުމުގެ ހުއްދަ ދޭނެކަމަށެވެ. މިވަގުތު އެބޯޓު އޮތީ ގުރޭޓް ބިޓަރ ލޭކްގައެވެ. މިއީ ސުވޭސް ކެނަލްގެ މިޑްވޭ ޕޮއިންޓެވެ.
ބޯޓު ދަތުރު ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވަނީ ކިހާވަރެއް ދިނުމަށް ފަހުކަން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިސްރުން ބަދަލުގެ ގޮތުގައި އެދިފައިވަނީ 550 މިލިއަން ޑޮލަރުކަމަށް ބޭރުގެ މީޑިއާތަކުން މައުލޫމާތު ދެއެވެ.
ސުވޭސް ކެނަލް އޮތޯރިޓީން ބުނާ ގޮތުގައި ކެނަލް ބަންދުވެފައި އޮތް ކޮންމެ ދުވަހަކު އެ އޮތޯރިޓީއަށް 12 މިލިއަން އެެމެރިކާ ޑޮލަރާ 15 މިލިއަނާ އެމެރިކާ ޑޮލަރާ ދެމެދުގެ އާމްދަނީއެއް ގެއްލުނެވެ. އަދި ބޯޓު ފުންކުރުމަށް ބޮޑު މަސައްކަތެއް ކުރަން ޖެހުމުގެ ސަބަބުން ކެނަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
އެވަރ ގިވެން ބޯޓަކީ 400 މީޓަރުގެ ދިގުމިނުގެ ބޯޓެކެވެ. މި ބޯޓު ސުވޭސް ކެނަލްގައި ހުރަސްވުމާއި ގުޅިގެން މާރޗް މަހުގެ 23 އިން 29 އަށް އެ ކެނަލްވަނީ ބަންދުވެފައެެވެ. ބޯޓު ފުންކުރުމުގެ ތެރެއިން އެކަކުވަނީ މަރުވެސް ވެފައެވެ. މީގެއިތުރަށް އެތައް ސަތޭކަ ބޯޓެއް ތާށިވެ މުޅި ދުނިޔޭގެ މުދާ އުފުލުމުގެ ސިނާއަތަށްވަނީ ބުރޫއަރައިފައެވެ.