ފޮޓޯ: ޕީޕީއެމް މީޑިއާ

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް އޮންލައިންކޮށްވިޔަސް ބެއްވުން މުހިންމު: ޝަހީމް

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މެދުކަނޑާލުމުގެ ބަދަލުގައި އޮންލައިންކޮށް ވިޔަސް ކުރިޔަށް ގެންދިއުން މުޙިންމު ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަހަރު ބޭއްވިފަ ނުވަނީ ކޮވިޑާ ގުޅިގެން ނަމަ، ނުބޭއްވުމުގެ ބަދަލުގައި އޮންލައިންކޮށް ވަކި އުޞޫލަކުން ބޭއްވުން މުހިންމުކަމަށެވެ. އަދި އަމިއްލަ ނޫސް ޕޭޖްތަކާއި ޗެނަލްތަކުންވެސް އެތައް ސަތޭކަ ކުދިން ބައިވެރިވެގެން މުބާރާތްތައް ބޭއްވި ކަމުގައި ޝަހީމް ވިދާޅުވެފައިވެއެވެ.

ޝަހީމް އިތުރަށް ވިދާޅުވެފައި ވަނީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މެދުކަނޑާނުލައި އޮންލައިންކޮށް ބޭއްވުމުގެ ޤާބިލްކަން ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައި ހުންނާނެ ކަން ޔަޤީންކުރައްވާކަމަށެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަހަރު ނުބޭއްވުމަށް އެ މަރުކަޒުން ނިންމައިވަނީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތީ ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތެވެ. ވޭތުވެ ދިޔަ އަހަރު ބޭއްވި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި އެކިއެކި އުމުރު ފުރާތަކުން ޖުމްލަ 1273 މީހަކު ބައިވެރިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ