ޖަޕާނުގައި ކޮވިޑް-19 ގައި މަރުވާ މީހުންނަށްވުރެ އަމިއްލައަށް މަރުވާ މީހުންގެ އަދަދު ގިނަ!

ޖަޕާނުގައި ކޮވިޑް-19 ގައި މަރުވާ މީހުންނަށްވުރެ އަމިއްލައަށް މަރުވާ މީހުންގެ އަދަދު މިދިޔަ އޮކްޓޯބަރ މަހު އެކަނިވެސް އިތުރުވެއްޖެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮކްޓޯބަރ މަހު އެކަނިވެސް ޖަޕާނުގެ 2،153 މީހަކު ވަނީ އަމިިއްލައަށް މަރުވެފައެވެ. މިއީ ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި ކޮވިޑް-19 ފެތުރި، އެ ބަލީގައި ޖަޕާނުގައި މަރުވި މީހުންގެ ޖުމްލަ އަދަދަށްވުރެވެސް ގިނަ އަދަދެކެވެ. އެގޮތުން ކޮވިޑް-19 ގައި މިހާތަނަށް ޖަޕާނުން މަރުވެފައިވަނީ 1،854 މީހުންނެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުން ޖަޕާނުގައި މިއަހަރުގެ މިހާތަނަށް 17،000 އަށްވުރެ ގިނަ މީހުން ވަނީ އަމިއްލައަށް މަރުވެފައެވެ. އެގޮތުން އަމިއްލައަށް މަރުވާ އަންހެނުންގެ އިންސައްތަ %82.6 އިތުރުވެފަިވާއިރު އަމިއްލައަށް މަރުވާ ފިރިހެނުންގެ އިންސައްތަ ވަނީ %21.3 އަށް އިތުރުވެފައެވެ.

މިއަހަރުގެ ޖުލައިގެ ނިޔަލަށް އަމިއްލައަށް މަރުވާ މީހުންގެ އަދަދު މަދުވެފައި އޮތުމަށްފަހު ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިމާވި ދަތިތަކުގެ ސަބަބުން އަމިއްލައަށް މަރުވާމީހުންގެ އަދަދު އިތުރުވާކަމަށް ގިނަ ތަޖުރިބާކާރުން ބުނެއެވެ.

ޖީ-7 ގައުމުތައް ( ކެނެޑާ، ފްރާންސް، ޖަރމަނީ، އިޓަލީ، ޖަޕާން، ޔޫ.ކޭ އަދި ޔޫ.އެސް) ގެ ތެރެއިންވެސް އަމިއްލައަށް މަރުވާ މީހުންގެ އަދަދު އެންމެ ގިނައީ ޖަޕާނުގައެވެ.

ދުނިޔޭގައި އުޅޭއިރު އުނދަގޫ އަދި ހިތްދަތި ކަންކަމާއި ދިމާވާނެއެވެ. ނަމަވެސް އަމިއްލައަށް މަރުވުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެކެވެ.

ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ 29 ވަނަ އާޔަތާއި 30 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "...އަދި, ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމް ވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ. ދެކޮޅުވެރިކަމާއި, އަނިޔާވެރިކަމުގެ ގޮތުން އެކަންތައް ކުރާމީހާ (ދަންނާށެވެ). ފަހެ, ތިމަންރަސްކަލާންގެ އެމީހަކު ނަރަކައަށް ވައްދަވާހުށީމެވެ..."

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ