ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިދޭ ސުގާ ދެން އޮންނަ ރީ އިލެކްޝަންގައި ވާދަނުކުރައްވާނެ ކަމަށާއި، އަދި މި މަހު ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ސުގާ ވެރިކަން ކުރާ ޕާޓީ، ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، މިއަދު ބޭއްވި މީޓިންއެއްގައި ސުގާ ވަނީ އެމަނިކުފާނު މިވަގުތު އިސްކަންދެއްވަން ބޭނުންފުޅުވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތަކާއި މެދު ކަމަށާއި އަދި އި އަލުން ލީޑާޝިޕަށް ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.
ސުގާ ބޮޑު ވަޒީރުކަށް އައްޔަން ކޮށްފައިވަނީ މީގެ އެއް އަހަރުކުރިން ކުރީގެ ބޮޑު ވަޒީރު، ޝިންޒޯ އަބޭ ވެސް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަދި ސުގާ އިސްތިއުފާ ދެއްވާނެކަން އިއުލާންކޮށްފައި މިވަނީ އެމަނިކުފާނަށް އޮތް ތާއިދު ދަށްވެފައި ވަނިކޮށެވެ.
ޖަޕާންގައި ކޮވިޑް-19 ގެ ހާލަތު ވަރަސް ބޮޑަށް ގޯސްވެފައިވާއިރު، އެގައުމު މިހާރުވެސް ކުއްލި ހާލަތު ގައެވެ. ޖަޕާންގައި މިހާތަނަށް 1.5 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ވެކްސިން ދިނުމުގެ ސްޕީޑް ލަސްވުމުގެ ސަބަބުން ސަރުކާރަށް ވަނި ފާޑުކިޔުން އަމާޒުވެފައެވެ. އަދި ކޮވިޑް ފެތުރެމުން ދަނިކޮށް ޖަޕާނުގައި އޮލިމްޕިކް ގޭމްސް ބޭއްވުމުންވެސް ސުގާއަށް ވަނި ފާޑުކިޔުން އަމާޒުވެފައެވެ.
ޖަޕާންގެ ވެރިކަން ކުރާ އެލްޑީޕީއަށް ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ މި މަހުގެ 29 ގައެވެ.