މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފިއެވެ.
އެ އޮޕަރޭޝަންތައް ހިންގާފައިވަނީ އައްޑޫސިޓީ ހުޅުމީދޫއާއި ތ. ވޭމަންޑޫ އަދި ހދ.ކުރިނބީގެ އިތުރުން ނ. ޅޮއްސާއި، ނ. މާފަރުގައެވެ.
ފުލުހުން ވިދާޅުވީ ޅޮހީގައި ހިންގި އޮޕަރޭޝަނަކީ ޅ. ހިންނަވަރުން ފުރައިގެންދާ ޑިންގީއަކުން ޅޮއްސަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. އެގޮތުން މަނަދޫގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި 21 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެރަށު ބަނދަރާ ޑިންގީ ގާތްކުރި ވަގުތު ފުލުހުން ޑިންގީއަށް އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓާއި ކަރުދާސްކޮޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކުރިނބީގައި ހިންގި އޮޕަރޭޝަނަކީ އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އިއްޔެ ކުރިނބީ ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އޭނާގެ އަތުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
ވޭމަންޑޫގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލުކުރަން އުޅުނު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި މި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
ހުޅުމީދޫގައި ހިންގި އޮޕަރޭޝަނަކީވެސް ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށު މަގުމަތިން 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއަކާއި 1.5 ލީޓަރުގެ ފުޅިއެއް ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މާފަރުގައި ހިންގި އޮޕަރޭޝަނަކީ މާލެއިން މާފަރަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން އަންނަ މީހެއްގެ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މާފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.



