މާލޭގައި ބޭނުންކުރާ ނުވަތަ އިމާރާތްކުރާ ތަންތަނަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ ތަންތަން ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަޚްލޫފު މިފަދައިން ވިދާޅުވެފައިވަނީ ރޭ ޕީއެސްއެމް އިން ގެނެސްދިން "ދައުލަތުގެ ބަޖެޓް 2021" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މަޚްލޫފު ވިދާޅުވީ، ބެޑްމިންޓަން ބޮޑު ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރަން ނިންމުމާއި ގުޅިގެންވެސް ހުރިހާ ކަމެއް މާލެއަށް ކަމަށް ބުނެ، ބައެއް ބޭފުޅުންގެ ކަންބޮޑުވުން އަންނާނެ ކަމަށާއި ނަމަވެސް ހުރިހާ ކަމެއް މާލެއަކަށް ނޫން ކަމަށެވެ.
މި ސަރަހައްދުގައި އުޅެނީ މާލެ މީހުން އެކަންޏެއް ނޫން ކަމަށާއި މާލޭގައި މިކުރެވޭ ކޮންމެ ކަމަކީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކުރެވޭ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.
"މާލޭގައި ބޭނުންކުރާ ނުވަތަ އިމާރާތްކުރާ ތަންތަނަކީ އެއްގޮތަކަށް ވެސް މާލެ މީހުންގެ އެއްޗެއް ނޫން. މި ސަރަހައްދުގައި ހަމަ ގައިމުވެސް މާލެއަށްވުރެ ގިނަވާނީ ހަމަ އެކިއެކި ރަށްރަށުގެ ފަރާތްތައް. އެ ހުރިހާ ދަނޑަކީ މުޅި ރާއްޖެ ރައްޔިތުންގެ ތަންތަން. ހަގީގަތުގައި މާލޭގައި އިމާރާތް ކުރެވޭ ތަންތަނަކީ ސީދާ ރާއްޖޭގެ ހުރިހާ ރައްޔިތުނަށް ނިސްބަތްވާ ތަންތަން." މިނިސްޓަރ މަޚްލޫފު ވިދާޅުވިއެވެ.
މިދިޔަ ދެ އަހަރު ކޮށްފަ ހުރި ހަރަދުތަކަށް ބަލާއިރު، މުޅި ރާއްޖެއަށް ކުރެވިފައި ހުރި ހަރަދަށްވުރެ މާލެއަށް ކުރެވިފައި ހުރި ހަރަދު ހުރިހާ ގޮތަކުން ވެސް ކުޑަވާނެ ކަމަށާއި ކުޅިވަރަށް ބެލި ކަމުގައި ވިޔަސް ޒަމާނުއްސުރެ ހުރިހާ ކަމެއް ބަރޯސާވެފައި ހުރީ މާލެއަށް ކަމަށް މަޚްލޫފު ވިދާޅުވިއެވެ.