ފޮޓޯ: އެޗްއީއޯސީ

ކޮވިޑާމެދު މިހާރު ދެކެނީ މާ ލުއިކޮށް: ޑރ. ނަޒްލާ

ކޮވިޑް-19 އާއި މެދު މިހާރު ދެކެނީ މާ ލުއިކޮށް ކަމަށާއި ހާލަތު ގޯސްވެދާނެ ކަމަށް  ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ފާއިތުވެދިޔަ ދެތިން ހަފްތާއާ އަޅާބަލާއިރު ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށެވެ.

"ކޭސްތަކުގެ އަދަދު ކޮންމެވެސްވަރަކަށް މިދޭތެރެއިން މަދުވެގެން ދިޔަ ނަމަވެސް މިގޮތަށް ފްލޫކްލިނިކް ޕޮޒިޓިވިޓީ މައްޗަށް ދަންޏާ މިއީ އަޅުގަނޑުމެން ވަރަށް ސަމާލުވާންޖެހޭ ކަމެއް." ނަޒްލާ ވިދާޅުވިއެވެ.

މަސައްކަތް ކުރާ ތަންތަން ކޮވިޑް-19 އާއި ގުޅިގެން ހުންނަން ޖެހޭ މިންގަނޑުތަކާއި އެއްގޮތައް ތޯ ހުރީ ބަލަން އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"މިހާތަނަށް ސަރުކާރުގެ 132 އޮފީހާއި ޕްރައިވެޓް 42 އޮފީސް އިންސްޕެކްޓް ކުރެވިފައިވޭ. އޭގެ ތެރޭގައި ބައެއް މީޑިއާ ތަކާއި ބެންކްތައް ވެސް ހިމެނޭ. އަދި 20 ސްކޫލް/ކޮލެޖް، 35 މެޑިކަލް ފެސިލިޓީސް އަދި ފެރީޓަރމިނަލް ތައް ވެސް އިންސްޕެކްޓް ކުރެވިފައި ވަނީ." ނަޒްލާ ވިދާޅުވިއެވެ.

މި އިންސްޕެކްޝަންތަކުގައި ރަނގަޅު ކުރަންވީ ކަންކަން ފާހަގަ ކުރެވިފައި ހުންނާނެ ކަމަށާއި އަދި އެ ކަންތައްތައް ރަނގަޅު ކުރަންވީ ގޮތް ކިޔައިދީ އިތުރަށް ގައިޑްލައިންތައް އޮޅުންފިލުވަދީފައިވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ހާއްސަކޮށް ގިނަ މުވައްޒަފުން ގެންގުޅޭތަންތަނުން ގައިޑްލައިންތްކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް. މަސައްކަތުގެ މާހައުލުގައި ބައެއް އޮފީސްތަކަށް ކޮވިޑްގެ ކަންތައް މާ ލައިޓްކޮށް ނެގޭހެން ހީވޭ. ކޮވިޑް ދިޔައީ ކަމަށް ހިތައް އަރާފައި އޭރުގައި ހުރި ކަންތައްތަކާއި އެއްގޮތަކަށް ނޫން ކަންނެ މިހާރު ބައެއް ތަންތާ މަސައްކަތް ކުރަނީ." ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވް ވެފައިވަނީ50 މީހުންނެވެ. ނަމަވެސް އިއްޔެ ބަލިން ރަނގަޅުވެފައިވަނީ 27 މީހުންނެވެ. މިހާތަނަށް ޖުމްލަ 12،204 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 11،289 އެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ