ދަރުމަވަންތަ ހޮސްޕިޓަލު / ފޮޓޯ: އެޑިޝަން

300 މިލިއަން ޑޮލަރު ހޯދަން ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަނީ!

ދައުލަތަށް ބޭނުންވާ 4.63 ބިލިއަން ރުފިޔާ (300 މިލިއަން ޑޮލަރު) ހޯދަން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެޑްރެސްކޮށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ސޮއިކުރައްވާފައިވާ ފިނޭންސް މިނިސްޓްރީގެ ސިޓީއެއްގައި ބުނެފައިވަނީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަޤުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައިސީ.ޑީ) އާއި އެކު ކުރަމުންދާކަމަށެވެ.

އަދި އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކު ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕަރޕަސް ވެސަލް (އެސް.ޕީ.ވީ) އެއް ހެދުމަށްފަހު ސުކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގު ކުރެވޭ އެސްޓެއްގެ ބެނެފިޝަލް އޯނަރޝިޕް މި އެސް.ޕީ.ވީ އަށް ޓްރާސްފަރ ކުރަން ޖެހޭކަމަށާއި، މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ނިންމާފައިވާކަމަށްވެސް މިސިޓީގައިވެއެވެ.

އަދި ޝަރީއާ އޮނިގަނޑުގެ ތެރެއިން މި ސުކޫކު، އިޝޫ ކުރުމަށް ބޭނުން ކުރަން ޖެހޭ އެސެޓަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ނަމުގައި ރަޖިސްޓަރ ކުރެވިފައިވާ އެސެޓަކަށް ވާންޖެހޭތީވެ، މިވަގުތު މިނިސްޓްރީ އޮފް ހެލްތުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ދަރުމަވަންތަ ހޮސްޕިޓަލް މި ސުކޫކު އިޝޫކުރުމަށް ފިނޭންސް މިނިސްޓްރީގެ ނަންމައްޗަށް ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލަށް ދަންނަވައިދެއްވުމަށް އެދޭކަމަށްވެސް ފިނޭންސް މިނިސްޓްރީގެ މިސިޓީގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ