ކިންގް ސަލްމާން މިސްކިތް | ފޮޓޯ : ޕީއެސްއެމް

ސަލްމާން މިސްކިތް ސަރަހައްދުން ޕާކިން ޖާގަ ވިއްކަނީ

ހެންވޭރު ސަލްމާން މިސްކިތުގެ ސަރަހައްދުގައިވާ ޕާކިން ޒޯން ކުއްޔަށް ދޫކުރަން ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނީ، މާލެސިޓީގެ ހެންވޭރު ސަލްމާން މިސްކިތުގެ އުތުރު ފަރާތުގައިވާ ޕާކިންގ ޒޯންގަ ފީދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް  އެދި ހުށަހެޅުމުގެ ފުރުޞަތު 22 ނޮވެމްބަރ 2020 ވަނަ ދުވަހު މެންދުރު 13:00 ން ފެށިގެން ހުޅުވާލާނެކަމަށެވެ.

މިއިޢުލާނުގައި ބުނެފައިވަނީ މި ޒޯނުން 57 ޕާކިން ސްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 3000 ރުފިޔާއަށްކަމަށާއި، މިޒޯނުން ޖާގަ ދެވޭނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތިނޫން ޕިކަޕަށްކަމަށެވެ. މި ޒޯނުތަކަށް އެދޭނީ މިކައުންސިލްގެ ވެބްސައިޓް  www.malecity.gov.mv ގައިވާ މިކަމަށް ޚާއްސަކޮށް ޤާއިމްކޮށްފައިވާ "ޕާރކިންގ" ޕޯޓަލް މެދުވެރިކޮށްކަމަށްވެސް ސިޓީ ކައުންސިލުންވެސް ބުންޏެވެ.

އެޕޯޓަލުން ޕާރކިންގ ޒޯންގެ ޖާގައަށް އެދޭފަރާތްތައް ފުރަންޖެހޭ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް އަދި އަމަލު ކުރަންޖޭހޭ ގޮތް މިޕޯޓަލްގައިވާ ޕާރކިންގ އުސޫލުން އެނގެން އޮންނާނެއެވެ. އަދި މަޣުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ޖާގަހުސްވަންދެން ޖާގަ ކަށަވަރުވަމުންދާނެއެވެ. ޕާރކިންގ އުސޫލާއި ޚިލާފަށް ހުށަހަޅާފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްވާނެއެވެ.

މީގެއިތުރުން ސިޓީ ކައުންސިލުން ބުނީ، 22 ނޮވެމްބަރ 2020 އިން ފެށިގެން މާލެ ސިޓީ ކައުންސިލުން ދޫކުރަން ހަމަޖެހިފައިވާ ޕާކިންގ ޒޯންގެ ޖާގަތަކާއި ހުސްވަމުންދާ ޖާގަތައް ކައުންސިލްގެ ވެބަސްއިޓްގައިވާ ޕޯޓަލުން ފެންނަން ހުންނާނެކަމަށާއި، ޖާގަތައް ޕޯޓަލަށް އަޕްލޯޑުވަމުންދާ ވަރަކަށް، ޖާގަތައް ހޯދަން ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ޖާގަތަކަށް ހުށަހެޅޭނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ