މާރުކޭޓް ގޮޅިތަކަށް އެދޭ ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މާލޭ ސިޓީ ކައުންސިލުން ހިންގާ ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓްގެ ގޮޅިތަކަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ.

މިކަން ޢާއްމުކޮށް ސިޓީ ކައުންސިލުން ކުރި އިޢުލާންގައިވާގޮތުން ގޮޅިތަކަށް އެދި ހުށަގެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޯގަސްޓްމަހުގެ 17 ވަނަ ދުވަހުގެ 14:00 އެވެ. ކުރިން އިޢުލާންކޮށްފައިވަނީ އޮގަސްޓްމަހުގެ 2 ވަނަ ދުވަހުގެ 14:00 އަށް މުއްދަތު ހަމަވާގޮތަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ގޮޅިތަކަށް އެދުމުގެ މުއްދަތު އިތުރުކުރީ، ގޮޅިއަށް އެދުމުގައި ހުށަހަޅަންޖެހޭ ޓެކްސް ދެއްކި ކަމުގެ ލިޔުން ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކުރީގެ އިޢުލާނުން ދެވިފައިނުވާތީ ގިނަ ފަރާތްތަކކަށް ދަތިތަކާ ކުރިމަތިވަމުންދާތީ އެކަމަކީ ހަގީގަތުގައިވެސް ދަތިވާނެކަމެއްކަމަށް ކައުންސިލަށް ގަބޫލުކުރެވޭތީކަމަށެވެ.

މާރުކޭޓްތަކުން މި ފަހަރު ހުޅުވާލައިފައިވަނީ ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ. ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ޚާއްޞަ 100 ގޮޅިއާއި، ވަޅޯމަސް ވިއްކުމަށް ޚާއްޞަ 32 ގޮޅިއާއި، ލުއިކާނާއާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ޚާއްޞަ 35 ގޮޅިއާއި، ” ގަޑިކަމަރު ” ވިއްކުމަށް ޚާއްޞަ 19 ގޮޅިއެވެ.

ގޮޅިތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ރޭޓަކީ އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުން ގޮޅީގެ ބޮޑުމިނަށް ހިސާބުހެދީމައި ޖެހޭ އަގެވެ. މި ރޭޓުން ހިސާބުކުރުމުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2000.00 ރުފިޔާއެވެ. ގޮލީތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރުދުވަހުގެ މުއްދަތަށެވެ.

މާރުކޭޓް ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މިފަހަރު ބަލާނީ ގޮޅި ލިބިފައިވާ ފަރާތްތަކުގެތެރެއިން، ގޮޅި ލިބިފައިވާ މުއްދަތުގައި އަމިއްލައަށް ގޮޅި ހިންގާ ކޮންމެ ފަރާތަކަށް 30 ޕޮއިންޓް، ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގާ ފަރާތެއްނަމަ 15 ޕޮއިންޓް، ގޮޅި ހިންގާތަން 3 އަހަރުވެފައިވާނަމަ 45 ޕޮއިންޓެވެ. މި ބަޔަށް ޕޮއިންޓް ދިނުމުގައި 2 އަހަރުވެފައިވާނަމަ 30، އަދި 1 އަހަރުވެފައިވާނަމަ 15 ޕޮއިންޓް ދޭގޮތަށް ގިންތިކޮށްފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި ގޮޅިކުއްޔަށް ހިފަން އެދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ފޯމެކެވެ. އަދި އެމީހަކު އެދޭ މާރުކޭޓެއް ފާހަގަކުރަންޖެހޭއިރު، ގޮޅި ދޫކުރުމުގައި ބަލަނީ 50 ޕޮއިންޓަށްވުރެ މަތިން ލިބޭ ފަރާތްތައް ގުރުއަތުލައިގެންނެވެ. ގުރުއަތުލުމުގައި މާރުކޭޓްގެ ގޮޅިތަކުގެ ވިޔަފާރިތަކަށް ބަލައިގެން ގިންތިކުރުމަށްފަހު އެ ގިންތިއަކަށް އެދުނު ފަރާތްތަށް އެ ގިންތިއަކަށް ހަމަޖެހިފައިވާ ގޮޅިތަކުގެ ގިންތިއަށް ލައި ގުރުއަތުލާގޮތަށެވެ.

މާރުކޭޓް ގޮޅިތަށް އަލުން ކުއްޔަށް ދިނުމަށް ހުޅުވާލީ މިހާރު ހުރި ގޮޅިތަށް ދޫކުރި މުއްދަތު ހަމަވެފައިވާތީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ