ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް މިރޭ މެންދަމު މޫސުން ގޯސްވާނެ ކަމަށާއި، ވަކިން ޚާއްޞަކޮށް ދެކުނަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ.
މިރޭ މެންދަމު 01:45 އިން ފެށިގެން ފަތިހު 04:45 އަށް ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުތަކުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
Alert Yellow for torrential rain and thunderstorms with gust winds of 45 mph. pic.twitter.com/SFwlC78UHb
— Maldives Meteorology (@MetMaldives) June 3, 2019
ދެކުނުގެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރުނުއިރު މެޓް އޮފީހުން އޮތީ މުޅި ރާއްޖެއަށް ވައިޓް އެލާޓްވެސް ނެރެފައެވެ.
މުޅީ ރާއްޖެއަށް ނެރުނު ވައިޓް އެލާޓްގައި ވިދާޅުވެފައިވަނީ، މިރޭ 23:00 އިން ފަތިހު 04:00 އާ ދެމެދުގެ ވަގުތުތަކުގައި މުޅި ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
#AlertWhite Heavy rain and thunderstorms with gust winds of 40 mph. pic.twitter.com/zMEYFfGE4f
— Maldives Meteorology (@MetMaldives) June 3, 2019
ދެކުނާއި ހުޅަނގުދެކުނުް، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
"ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަން.” މެޓް އޮފީހުން ވިދާޅުވިއެވެ.



