ކޮވިޑް-19އާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު 6 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ހާއްސަ ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު ފަސްކުރިއެވެ. އެ ގާނޫނުގެ ދަށުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވައި ޖެހެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކޮވިޑާއި ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެކަމަކު ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއް އީސީއިން އިއުލާން ކުރާނީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާން ކުރުމުން ކަމަށެވެ.
ޝަރީފް ވިދާޅުވީ އިންތިހާބުގެ ކަންތަކަކީ ކުއްލިއަކަށް ބޭއްވޭނެ ކަންކަމެއް ނޫން ކަމަށާއި، އެހެން ކަމުން މިހާރު އީސީއިން އަންނަނީ މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ. ނަމަވެސް އެއީ މުޅިން ފައިނަލް ކޮށްފައިވާ ތާރީހެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންތިހާބަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް މިހާރު ކުރަމުންދާ ކަމަށާ ރޯދަ މަހުގެ ކުރިން އިންތިހާބު ބާއްވާ ނިންމަން ބޭނުންވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އިންތިހާބު ކޮންމެ ތާރީހެއްގައި ބޭއްވި ނަމަވެސް ކެންޑިޑޭޓުންނަށް ކެންޕެއިން ކުރުމާއި އެ ނޫން ކަން ކަމަށް ގާނޫނުގައި ބުނާ މުއްދަތު ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.



