ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވެހިކަލް ލޯން އަދި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓާއި ޕްރޮފިޓް ރޭޓަށް މިއަދު ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލް އިން ވިދާޅޫވީ، މިއަދުން ފެށިގެން ދަށް ކުރެވުނު އިންޓްރެސްޓާއެކު ކަސްޓަމަރުންނަށް 500،000 ރުފިޔާއާ ހަމަޔަށް 15 ޕަސަންޓް އިންޓްރެސްޓް ރޭޓުގައި ލޯނު ލިބޭނެ ކަމަށާއި އިންޓްރެސްޓް ދަށްވުމާއެކު އުޅަނދު ގަންނައިރު މަހަކަށް ދައްކަންޖެހޭ އަދަދުވެގެންދާނީ އެންމެ ކުޑަ އަދަދުގެ ކަމަށެވެ.
މި ލޯން އެއްވެސް އިތުރު ރަހުނަކާ ނުލާ ދޫކުރާއިރު ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. ބީއެމްއެލް ވެހިކަލް ލޯން ކުރިން ދޫކުރަމުން އައީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް މެދުވެރިކޮށް އުޅަނދު ގަތުމަށެވެ. ނަމަވެސް މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށްވެސް އުޅަނދު ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުމަށް ބާރުއެޅުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ ވެހިކަލް ލޯނާ ފައިނޭންސިންގެ ރޭޓް މިވަނީ 12 ޕަސަންޓް އަށް އިތުރަށް ދަށްކުރެވިފައެވެ.
"މި ބަދަލާއެކު މުޅި މާކެޓްގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގު ހެޔޮ އަދި ފަސޭހަ ގޮތްތަކެއް ލިބިގެންދާނީ ބީއެމްއެލް އިން. މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ އިންޓްރެސްޓް ރޭޓް މިވަނީ 12 ޕަސަންޓް އަށް އިތުރަށް ދަށްކުރެވިފަ. މީގެ ސަބަ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުން އިތުރުވުމަށް ބާރުއެޅިގެންދާނެ." ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވިއެވެ.
ވެހިކަލް ލޯނާއި ފައިނޭންސިންގ އަށް މިއަދު ގެނެވުނު ބަދަލުތަކާއެކު ސައިކަލާއި، ކާރު އަދި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ޖެޓް ސްކީގެ .އިންޖީނުލީ ޑިންގީ ފަދަ އިންޖީނު އަޅާފައިވާ އުޅަނދުވެސް ގަނެވޭނެ ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.
								
											


														
														
														
														
														
														