ރައީސް ޞޯލިޙާއި މިނިސްޓަރ ފައްޔާޒު | ފޮޓޯ: ރައީސް އޮފީސް

ވައްކަމެއް ނުކުރާނަން، ކުރިޔަސް ނޭނގޭނެ: ފައްޔާޒު

ވައްކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރާ ފަރާތްތަކަށް ނޭނގޭހާ ފެންވަރުގައި ވައްކަންކުރަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ދުވަހަކުވެސް ވައްކަން ނުކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން "ސަންގު ޓީވީ" އިން ގެނެސްދިން ހާއްސަ ކަވަރޭޖްގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިރެއެވެ.

މިނިސްޓަރ ފައްޔާޒަށް އަމާޒުވި ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅޭގޮތުން އޭނާ ވިދާޅުވީ، ނަފްރަތުކުރާ މީހުން އެފަދަ ވާހަކަތައް ޤަބޫލުކުރިނަމަވެސް އިތުބާރުކުރައްވާ މީހުން އެވާހަކަތައް ޤަބޫލުނުކުރާނެ ކަމަށެވެ. އަދި ފުރަތަމަ އެ ތުހުމަތުތައް އަމާޒުވިއިރު ދެރަވެ މާޔޫސްވި ކަމަށާއި، ނަމަވެސް މިހާރު އެކަމަށް މާބޮޑު ފަރުވާލެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ސާފުކޮށް މިދަންނަވަނީ އަޅުގަނޑު ވައްކަމެއް ނުކުރާނަން. އަދި ތިވިދާޅުވާ ބޭފުޅުންނަށް ހީވާގޮތަށް ބްރޯއަކަށް މެސެޖްކޮށްލައިގެން ކަންކަން ކުރާގޮތަށް އަޅުގަނޑު ކުރިޔަސް ނުކުރާނަން އިނގޭތޯ. އެއަށްވުރެ މާ ފެންވަރު ރަނގަޅުވާނެ އަޅުގަނޑުމެން. އަޅުގަނޑު ވައްކަން ކުރިޔަސް ނޭނގޭނެ އެބޫފުޅުންނަކަށް." ފައްޔާޒު ސަންގު ޓީވީގައި ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވިއިރު، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ، ރައީސް ނަޝީދު އިސްވެ ހުންނަވާ ކުރައްވާފައިވާއިރު، ޕާޓީތެރޭގައި "ބްރޯ" ހެދިގެން ނޫޅުމަށް ނަޝީދު ވަނީ ފައްޔާޒަށް ގޮވާލާފައެވެ. ނަމަވެސް މި މައްސަލަ ހޫނުވުމުން ރައީސް ޞޯލިޙް ވަނީ ފައްޔާޒަށް އިތުބާރުކުރައްވާ ކަމަށާއި، ފައްޔާޒުގެ ދިފާއުގައި ހުންނަވާނެކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ