އެއާ ޓްރެފިކް ކޮންޓްރޯލް ބަލަހައްޓާނީ ދައުލަތުން: ފައްޔާޒް

އެއާ ޓްރެފިކްގެ ކޮންޓްރޯލް ދެވޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި)ގެ ސިޔާސަތަށް ބަދަލު ގެންނަން ނިންމާފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ، ސައްތައިންސައްތަ ބޭރުގެ އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އިކޮނޮމިކް މިނިސްޓްރީން އިއްޔެ އިސްލާހުކޮށްފައިވާއިރު، އެއާ ޓްރެފިކް ކޮންޓްރޯލް ވެސް އިންވެސްޓުކުރާ ބޭރުގެ ކުންފުންޏަށް ލިބޭތީ ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް މިނިސްޓްރީން ޖަވާބުދިނުމުގެ ގޮތުންނެވެ.

ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަށް ގެނައި މި ބަދަލާއެކު، މިހާރު ބޭރުގެ ވިޔަފާރިވެރިންނަށާއި ވިޔަފާރިތަކަށް ރާއްޖޭގައި އެއާ ޓްރާންސްޕޯޓް ހިދުމަތް ދޭން އެއާޕޯޓްތަކާއި ޓާމިނަލް އޮޕަރޭޓް ކުރެވޭނެ އެވެ. އަދި އެއާ ޓްރާންސްޕޯޓް ހިދުމަތް ދޭން ބޭނުންވާ އެހެނިހެން ހިދުމަތްތައް ކަމުގައި ގްރައުންޑް ސާވިސަސް އަދި އެއާ ޓްރެފިކް ކޮންޓްރޯލް ހަރަކާތްތައް ހިންގޭނެ އެވެ.

ނަމަވެސް މީގެ ކުރިން، ރާއްޖޭގައި އެއާޕޯޓު ހިންގުމުގެ ހުއްދަ ދެނީ އެންމެ ގިނަވެގެން ބޭރުގެ ފަރާތެއްގެ 75 ޕަސަންޓް ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

ގިނަ ބައެއްގެ ކަންބޮޑުވުންތަކާއި ގުޅިގެން އިކޮނިމިކް މިނިސްޓަރު ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަށް ގެނައި ބަދަލާއެކު ބޭރު އަދި ދިވެހި ފަރާތެއް ވިޔަސް، އެއާ ޓްރެފިކް އޮޕަރޭޝަން އަމިއްލަ ފަރާތަކަށް ދޫކޮށްނުލާނެ ކަމަށާއި، ހުރިހާ އެއާޕޯޓުތަކެއްގައި އެކަން ކުރާނީ ސީދާ ދައުލަތުން ކަމަށެވެ.

"މިހާރު އަޅާފައިވާ އޮޅުންތަކުގެ ސަބަބުން އެކަން ސާފުކޮށް ބަޔާންކުރުމަށްޓަކައި އިބާރާތްކުރުން އިސްލާހުކުރާނަން،" ފައްޔާޒް ވިދާޅުވި އެވެ.

މި ވަގުތު ޕްރައިވެޓް ކުންފުނިތަކުން އޮޕަރޭޓް ކުރަމުން އަންނަ އެއާޕޯޓުތަކުގެ ތެރޭގައި ހިމެނެނީ ގއ. ކޫއްޑޫ އެއާޕޯޓާއި ދ. ކުޑަހުވަދޫ އެއާޕޯޓާއި އދ. މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓެވެ. މީގެ ތެރެއިން ބައެއް ކުންފުނިތަކަކީ ބިދޭސީ ހިއްސާދާރުންގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެއާޕޯޓްތައް އޮޕަރޭޓްކުރަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އައިލެންޑް އޭވިއޭޝަން ސާވިސަސް އަދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއެވެ. ރީޖަނަލް އެއާޕޯޓްސް ކުންފުނި ވުޖޫދުވީ ހިސާބުން ގިނަ އެއާޕޯޓްތައް އޮޕަރޭޓްކުރުން އެ ކުންފުނީގެ ދަށަށް ވަނީ ބަދަލުކުރެވިފައެވެ.

ރާއްޖޭގެ އެއާޕޯޓުތަކުގެ ފުލް ކޮންޓްރޯލް ބޭރުގެ ފަރާތްތަކުގެ އަތް މައްޗަށް ދޫކޮށްލުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ކަންބޮޑުވުންފާޅު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ނީލޯފަރު

    އިބުރާ ކަހަލަ ބޮލެއްނޫން މިއީކީ. އެއަށްވުރެ މާ ނިކަމެތި.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ