ފައްޔާޒު ވަކިކުރަން މަޖިލީހަށް ވައްދާކަށް ނޫޅެން: ރައީސް ނަޝީދު

އަދުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން މަސައްކަތްޕުޅު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނަޝީދު ވިދާޅުވީ، ޕާޓީ ތެރޭގައި ބަހުސްކޮށް، ކަންކަން އިސްލާހުކުރުމުގެ މަސައްކަތަކީ ކުރަންޖެހޭ ކަންކަން ކަމަށާއި، ނަމަވެސް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތްޕުޅު ނުކުރައްވާ ކަމަށާއި، އަދި މިހާރުވެސް ކުރައްވަމުން ނުގެންދަވާ ކަމަށެވެ.

"ފައްޔާރު ވަކިކުރުމަށް އަޅުގަނޑު މަޖިލީހަށް ކަމެއް ލާކަށެއް ނޫޅެމު." ރައީސް ނަޝީދު ވިދާޅިއެވެ.

ރައީސް ނަޝީދުގެ އިތުރަށް ވިދާޅުވީ، ވަޒީރަކާ ގުޅޭކަންކަމުގައި ބުނާންޖެހޭ ވާހަކައެއް ބުނުމަކީ، އަދި ކުރަންޖެހުނު މަސައްކަތެއް ކުރުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށާއި، ކަމެއް ގޯސްކޮށް ހިނގާނަމަ އެވާހަކައެއް ވިދާޅުވެލައްވާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގެ ބަހުސްތައް ހިންގަންޖެހޭ. އެބަހުސްތަކަކީ އެމްޑީޕީގެ އެކިއެކި ގުނަވަންތަކުގެ ތެރޭގައި ހިންގަމުންދާނެ ބަހުސްތައް. އެއީ ޤައުމީ މަޖިލިސްގައި، ޤައުމީ ހިންގާކޮމެޓީގައި، އަދި އެމްޑީޕީގެ ކޮންގްރެސްގައި. އެހެން ނުވެއްޖިއްޔާ ވަކި ވަޒީރަކާ އަޅުގަނޑުމެން ރުހޭތޯ ނުރުހޭތޯ، ކޮބައިތޯ ސަރުކާރަށް އެންމެ ރަނގަޅުގޮތަކީ، ކޮބައިތޯ ޕާޓީއަށް އެންމެ ރަނގަޅުގޮތަކީ، ކޮބައިތޯ ރައްޔިތުންނަށް އެންމެ ރަނގަޅުގޮތަކީ، ކޮންއިރެއްގައި ކޮންވަގުތަކު ކޮންވާހަކައެއްތޯ އަޅުގަނޑު ފާހަގަކުރާންޖެހެނީ، އެއީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުގެ މަސްއޫލިއްޔަތެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިބާވަތުގެ ކަންކަމުގައި ބަސްފުޅު ވިދާޅުވުމުން ބަޔަކު ހިތްޕުޅު ހަމަޖެހިވަޑައި ނުގަތްނަމަވެސް ކުރައްވާނެ ކަމެއްނެތްކަމަށްވެސް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ