ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު، އެ މަޤާމަށް އާދެވުނު ގޮތް އޮޅި، މުނާފިޤު ވެފައިވާކަމަށްބުނެ އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ސައީދަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ރައީސް ނަޝީދު މި ބަހުގެ ހަމަލާތައް ސައީދަށް އަމާޒުކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ގުރޫޕަށް ފޮނުއްވެވި މެސެޖްތަކެއްގައެވެ. މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިނާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި އަމާޒުކުރެއްވި ބަހުގެ ހަމަލާތަކެއް ކަމަށް ބެލެވެއެވެ.
ރައީސް ނަޝީދު، ސައީދުއަށް ވިދާޅުވީ، ފެނަކައަކީ ސައީދުގެ އަމިއްލަ ތަނެއް ނޫންކަން ހަނދުމަފުޅުކުރެއްވުމަށާއި، ރަށްރަށުގައި ތިއްބެވި ފެނަކައިގެ މުވައްޒަފުންނަށް ބިރު ނުދެއްކޭނެ ކަމަށެވެ.
"ސައީދު އަޅުގަނޑު މި ޕާޓީން ވަކިކުރަން އުޅުނަސް، ފެނަކަ ހުރިހާ މުވައްޒަފުން އެކަމާ ނުރުހޭނެ. އެމީހުންނަކީ ތަންދޮރު ދަންނަ މީހުން. ދެން ސައީދު މީހަކަށް ގުޅައިފިނަމަ އަޅުގަނޑު ފާޅުގައި ނުކުންނާނަން." ރައީސް ނަޝީދުގެ މެސެޖުގައި ލިޔުއްވާފައިވެއެވެ.
ރައްދުގައި ސައީދު ވިދާޅުވީ، ފެނަކައިގެ އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރު ދައްކަވާފައި ނުވާނެ ކަމަށެވެ. ވަޒީފާގެ ބިރު ދައްކަން ގުޅުއްވީ ކޮން ވަގުތަކު ކޮން މުވައްޒަފަކަށްތޯ، ރައީސް ނަޝީދުގެ އަރިހުން އައްސަވަމުން ސައީދު އިތުރަށް ވިދާޅުވީ، އެމީހަކު ނުހުންނާނެ ކަމަށެވެ.
ސައީދުގެ ޖަވާބުން ރައީސް ނަޝީދު އިތުރަށް ހިތްޕުޅު ހަމަޖެހިވަޑައިނުގަނެ ވިދާޅުވީ، އެގޮތަށް "ޖަދަލު ކުރައްވަނީ" ކަމަށް ވަނީނަމަ "އިދިކޮޅަށް" ނުކުންނަވާނެ ކަމަށެވެ.
"ތިޔަހެން ޖަދަލު ކުރައްވަނީ ކަމު ވަނީނަމަވެސް އިދިކޮޅަށް ނުކުންނާނަން. އަޅޭ ސައީދު އަޅުގަނޑު މި ޕާޓީން ބޭރުކޮށްބަލަ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެއަށްފަހުވެސް ރައީސް ނަޝީދާއި ސައީދުއާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައިވެއެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާދެވުނު ގޮތް ސައީދަށް "އޮޅިފައިވާ" ކަމަށެވެ.
ރައީސް ނަޝީދުގެ މި ތުހުމަތުތަކާއި ގުޅިގެން ސައީދު ވިދާޅުވެފައިވަނީ، ރައީސް ނަޝީދުއާއި "ޖަދަލު ނުކުރައްވާ" ކަމަށެވެ.
"ރައީސް، އަޅުގަނޑު ރައީސްއަކާއި ޖަދަލެއް ނުކުރަން. އަޅުގަނޑު މީ ކާކުތޯ ރައީސް އެމްޑީޕީން ވަކިކުރަން." ނަޝީދުގެ ތުހުމަތުތަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވެފައިވެއެވެ.
މިއާއި ވިދިގެން ނަޝީދު ވިދާޅުވީ، އެހާވަރަށް ދޮގު ނުހެއްދެވުމަށާއި، ސައީދު އެހާވަރަށް މުނާފިޤު ނުވުމަށެވެ.
"ސައީދު ތިޔަހާ މުނާފިޤު ނުވެބަލަ، ތިޔަހާ ދޮގު ނުހަދަބަލަ." ސައީދުއާއި މެދު ވަރަށް ނުރުހުންވެ ރައީސް ނަޝީދު ވިދާޅުވިއެވެ.
ވަޒީފާގެ ބިރު ދައްކާ ކަމުގެ ތުހުމަތާއެކު ރައީސް ނަޝީދު، ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވިއިރު، ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ގުޅިގެންވެސް ފެނަކައިގެ ވެރިޔަކު އެ ކުންފުނީގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާ އޯޑިއޯއެއް ލީކުވެފައިވެއެވެ.