ވަކިބައެއްގެ އަތްދަށުނުވެ ކާބަފައިން ދެއްކިމަގުން ހިނގަންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަޤާމްތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވާފައިވާ މެސެޖެއްގައެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބަޖެޓް ފާސްކުރަންޖެހޭކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، ޤައުމަށް ތާށި މިދަނޑިވަޅުގައި މަޖިލީހުން ތާށި ކުރީމާ "ރައްޔިތުން ޖެހޭނީ ބަނޑަށް" ކަމަށާއި، އެހެން އެކަން ކުރެވިގެން ނުވާނެ ކަމަށެވެ.
"ވަކި ޤައުމަކާ ޖެހިނުގަނެ ހުރިހާ ބަޔަޔާ ގުޅުން ބާއްވައިގެން، ވަކި ބައެއްގެ އަތްދަށުނުވެ ކުރިއަށް ދާންވީ. ކާބަފައިން ދެއްކިމަގުން ހިނގަން ފަށަންވީ. ހަމަ މިހާރު ކުރިއަށް ދާންވީ މިދެންނެވިމަގުން." ސިޔާސީ މަޤާމްތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ބޭފުޅުންނަށް ފޮނުއްވި މެސެޖްގައި ޤާސިމް އިބްރާހީމް ވިދާޅުވެފައިވެއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޤާސިމް އިތުރަށް ވިދާޅުވީ، މިއީ ވެވުނުގޮތަކުން، ވެވުނު އެންމެ ބޮޑަކަށް ރައްޔިތުންނަށް އެހީތެރިވާންވީ ވަގުތު ކަމަށާއި، އެގޮތަށް ބަލާއިރު ބަޖެޓް އަދިވެސް ކުޑައީ ކަމަށެވެ.
"މިކަން ނުކޮށް ސަރުކާރާ ދިމާކުރަމުން ތިޔަ ގެންދަވަނީ އެއީ މުޅި ޤައުމުގެ ހަލާކު. މުޅި ރައްޔިތުންގެ ހަލާކު. ވިމާ ބަޖެޓް ފާސްކޮށްދެއްވައި، ކުރިން ދެންނެވިގޮތަށް ސަރުކާރަށް ހެޔޮހިތުން އެހީތެރިވާންވީ." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ، ދިވެހި ޤައުމަށް ކުރިއެރުން އަދި ރައްޔިތުންނަށް އުފާވެރިކަމާއި ރޯޝަނީކަން ދެއްވުންއެދި ދުއާކުރައްވާ ކަމަށެވެ.




