އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިޙް ދެވަނަ ދައުރެއް ހޯއްދަވަން ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގެންނެވީ އިންޑިއާއިން މަޖުބޫރުކޮށްގެންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޑް އޮނަރަބަލް ޤާސިމް އިބްރާހީމް ތުހުމަތުކުރައްވައިފިއެވެ.
ޤާސިމް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިން ޖަލްސާއެއްގައި މިއަދު ށ.ގޮއިދޫގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޤާސިމް ވިދާޅުވީ، އިއްޔެ ހަނިމާދޫއަށް ވަޑައިގެންނެވިއިރު ދިވެހި ސިފައިންގެ އިތުރުން އެހެން ޤައުމެއްގެ ސިފައިން ދެކެވަޑައިގެންނެވި ކަމަށާއި، އެޤައުމުން ރައީސް ޞޯލިޙްއަށް ދެވަނަ ދައުރެއް ދޭން ބޭނުންވާ ކަމަށެވެ.
"އިބްރާހިމް މުހައްމަދު ސޯލިހަކީ ވަރަށް ކެތްތެރި، މަޑުމައިތިރި، ވަރަށް ކޫލް ބޭފުޅެއް، މިނިވަންކަން ގެއްލުމުގެ އިލްތިޒާމެއް އެމަނިކުފާނު ބޮލުގައި އެޅުވޭ ގޮތަށް ކޮށްފައި ދެވަނަ ދައުރެއް ހޯއްދަވަން ނުކުންނަވަންވީ ސަބަބެއް ނެތް، މަޖުބޫރު ކަމެއް ނެތިއްޔާ، ކޮން ބަޔެއްގެ މަޖުބޫރު ކަމެއްތޯ، އެބަ ފެނޭ ނޫންތޯ" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ ދިވެހިރާއްޖެއިން މި ސަރުކާރު އައިފަހުން އިންޑިއާއެކު ބާއްވާ ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޞޯލިޙް ޢަމަލުކުރައްވާގޮތުން ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެންދާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށާއި، އިންޑިއާއިންދޭ ކޮންމެ ލޯނެއް ޤަބޫލުކުރަންވެސް މަޖުބޫރުވެފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގޭ އެއްޗަކީ [އިންޑިއާއިން] ޑޮނޭޝަން ނުދޭނެ، ލޯނު އެއީ، އެ އަނބުރާ ދައްކާނެ ގޮތެއް ނޭނގުނަސް އިމެއް މިނެއް ނެތި އެ ނަގަނީ މަޖުބޫރު ކަމެއް އޮވެގެން" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ، ޤައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންކަން ހިނގަމުންދާތީވެ ކުރީގެ ރައީސް ޔާމީނަށްވުރެ މި ސަރުކާރު ގޯސް ކަމަށާއި، އެހެންކަމުން ރައީސް ޞޯލިޙަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބެއް ނެތްކަމަށެވެ.