ކައިވެނި ކޮށްގެންހުރެ ކައިވެނީގެ ބޭރުން އެހެން އަންހެނަކާއެކު ގުޅުންތަކެއް ބޭއްވި މައްސަލައިގައި ޖަޕާނުގެ ލަވަކިޔުންތެރިއަކަށް އޭނާ ތަމްސީލްކުރާ އެޖެންސީއިން ފިޔަވަޅު އަޅައިފިއެވެ.
ޖޯނީ އެންޑް އެސޯސިއޭޝަން އިން ތަމްސީލްކުރާ އުމުރުން 56 އަހަރުގެ ޖަޕާނުގެ ލަވަކިޔުންތެރިއާ މަސަހިކޯ ކޮންޑޯގެ މައްސަލަ ފެންމަތި ވުމާއި ގުޅިގެން އެ އެޖެންސީއިންވަނީ ކޮންޑޯ ބައިވެރިކޮށްގެން ކުރިއަށް ގެންދާ ހުރިހާ ޕްރޮޖެކްޓުތަކަކުން އޭނާ ސަސްޕެންޑް ކޮށްފައެވެ.
ޖޯނީ އެންޑް އެސޯސިއޭޝަނުން މިމައްސަލައިގައި ބުނީ، ކޮންޑޯގެ މި ގޮތެއްނެތް އަމަލަށް އެންމެ ހަރުކަށި އަދަބު ހައްގު ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކާއި ހިލާފަށް ޖަޕާނުގައި މިފަދަ މައްސަލަތަކުގައި ދޭ އަދަބުތައް ހަރުކައްޓެވެ. ނަމަވެސް ބަޔެއް ފަރާތްތަކުން އަންނަނީ އަމިއްލަ ކަންކަމާއި ޕްރޮފެޝަނަލް މަސައްކަތްތަކާއި ގުޅުވައިގެން ފިޔަވަޅު އެޅުމާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.
ކޮންޑޯވަނީ އޭނާގެ މި އަމަލުތަކަށް މާފައް އެދޭކަން ހާމަކޮށްފައެވެ. އަދި މަސައްކަތުން އެކަހެރިވެ ރަނގަޅު މީހަކަށް ވުމަށް މަސައްކަތް ކުރާނެކަމަށްވެސް އޭނާވަނީ ބުނެފައެވެ. ކޮންޑޯ ކައިވެނީގެ ބޭރުން އަމަލުތަކެއް ހިނގާކަން އެންމެ ފުރަތަމަ ފަޅާއަރުވައިލައިފައިވަނީ މިދިޔަ ހަފްތާގައި ގޮސިޕް މަޖައްލާއަކުންނެވެ. މީގެކުރިންވެސް ކޮންޑޯއާއި ގުޅޭގޮތުން މިފަދަ ވާހަކަތަކެއް ފެންމަތިވެފައި ވެއެވެ.
ކޮންޑޯއަކީ 1980 ވަނަ އަހަރުގެ ޖޭ-ޕޮޕް އައިޑުލްއެވެ.




