އާމްދަނީ ހޯދުމަށް ގޭތެރޭގައި މަސައްކަތްކުރާ މީހުން ވެސް ޓެކްސް ދައްކަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ މި ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ސަންގް ޓީވީ އިން ގެނެސްދިން ޚާއްސަ ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެބޭފުޅުން ބަލަނީ ކަންކަން ކުރާއިރުގައި ސަރުކާރަށް ފަސޭހަވާނެ ގޮތަށް ވިސްނުމުގެ ބަދަލުގައި އާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް ފަސޭހަވާނެ ގޮތަކަށް ކަންކަން ކުރުމަށްކަމަށެވެ. ފައްޔާޒު ވިދާޅުވީ ކުރިން ކަންކަން ކުރެވިފާ ހުރީ އާންމު ރައްޔިތުންނަށް ތަކްލީފު ކުރިމަތިވިޔަސް ސަރުކާރަށް އެންމެ ފަސޭހަވާ ގޮތަކަށް ޤަވާއިދުތައް ހެދުމަށްކަމަށެވެ.
އެގޮތުން އެ މިނިސްޓްރީ އަށް ކުރެވުނު އެންމެ ބޮޑު މަސައްކަތަކީ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ޤާނޫނޫތައް ބަދަލުކުރުމާއި ޤަވާއިދުތައް ބަދަލުކުރުމާއި، ސިޔާސަތުތަކުގައި މިފަދަ ކަންކަމަށް ޖާގަ ދިނުންކަމަށެވެ.
ފައްޔާޒު ވިދާޅުވީ ބައެއް ބޭފުޅުން ހޯމް ބޭސްޑް ވިޔަފާރި ކުރާއިރު، ބޮޑު ކުލީގައި ތަން ހިންގާ މުވައްޒަފުންނަށް މުސާރަދީ ޓެކްސް ދައްކައިގެން ކެފޭތައް ހިންގަވާ ބައެއް ބޭފުޅުންގެ ނުތަނަވަސްކަ އޮންނަކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުކަމަކީ ހޯމްބޭސްޑް ވިޔަފާރިތަކަށްވެސް ޖާގަދީގެން، އެބޭފުޅުންވެސް ޓެކްސް ދައްކަވަންވާނެ" ފައްޔާޒު ވިދާޅުވިއެވެ.
ނަމަވެސް ގޭބަދިގޭގައި ލިބޭ ޖާގައިން އެ މަސައްކަތް ކުރެވުމަކީ އެމިނިސްޓްރީގެ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫންކަމުގައި ފައްޔާޒު ވަނީ ވިދާޅުވެފައެވެ. ފައްޔާޒު ވިދާޅުވީ ހޯމް ބޭސްޑް ވިޔަފާރިތައް ރަޖިސްކުރުމަކީ އިކޮނޮމިކް މިނިސްޓްރީން ނިންމާފައިވާ ކަމެއް ނޫން ކަމަށާއި އެކަމަކީ އެޗްޕީއޭއިން ނިންމި ކަމެއް ކަމަށެވެ.
ފައްޔާޒު ވިދާޅުވެފައި ވަނީ އިޤްތިޞާދަށް ގެންނަ ބަދަލުތަކުގައި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކައި މަޝްވަރާ ކުރުމަށް ވަރަށް ގިނަ ފަހަރު މަސައްކަތް ކުރާކަމަށާއި، ނަމަވެސް ގިނަ ފަހަރު އެބޭފުޅުން މިނިސްޓަރ ދެކެ ވަރަށް ހިތްހަމަނުޖެހޭ ކަމަށެވެ.
އެގޮތަށް މަޝްވަރާ ކުރިނަމަވެސް އެބޭފުޅުން ބޭނުންވާގޮތަށް ކަންކަން ނުވެދާނެކަމަށާއި މަޝްވަރާތަކުގައި މިނިސްޓަރަށް ޤަބޫލުކުރެވޭ ވާހަކަތަކެއްނަމަ އަމަލު އިޖާބަދޭ ކަމުގައި ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ އެބޭފުޅާގެ މައްޗަށް ނާޖާއިޒު ގޮތުގައި ނުފޫޒު ނުފޯރުވޭނެ ކަމަށާއި ނަމަވެސް ސިޔާސީ ފަރާތްތަކުގެ ނުފޫޒު އެބޭފުޅާއަށް ކުރިމަތިވާކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ނިންމާ ކޮންމެ ކަމެއްގައި ދެކޮޅު އޮންނާނެކަމަށް ވިދާޅުވެ މިނިސްޓަރ ފައްޔާޒު ވިދާޅުވީ އެއިންކޮންމެ ކަމުކުން އެއްބަޔަކަށް ފައިދާކުރާނެ ކަމަށާއި އަނެއްބަޔަކަށް ގެއްލުންވެސް ވާނެ ކަމަށެވެ.




ހިޔާލު
ލާ ކޮންމެ ނޭވާއަކަށް ވެސް ޓެކްސް ނަގާނެ އަދި.