ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވެ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އުތުރުގެ ބައެއް ރަށްރަށުގައި އިއްޔެ ފެން ބޮޑުވެފައި ވަނިކޮށް، މިއަދުވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ބ.އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 03:30 އަށް ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
Yellow alert in effect for the area from Haa Alifu Atoll to Baa Atoll. pic.twitter.com/WQJ5tKnsDv
— Maldives Meteorology (@MetMaldives) June 5, 2019
މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާ 18 މޭލާދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ، އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
"ހުރިހާ ފަރާތްތަކުން، ވަކިން ޙާއްސަކޮށް ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަން." މެޓް އޮފީހުން ވިދާޅުވިއެވެ.