މިނިސްޓަރ އޮފް ފިނޭންސް އިބްރާޙިމް އަމީރު ގޮތް ދޫކުރެއްވުމަށް މަޖިލީހުގެ މާވަށުދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ސަޢީދު މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ގަވަރުނަރު ދައްކަވާފައިވާ ވާހަކަފުޅުތަކާއި ގުޅިގެންނެވެ.
އެގޮތުން ސަޢީދު ވިދާޅުވީ ޤަވަރުނަރުގެ މުޅި މިއިންޓަވިއުގެ ކުރު ޚުލާސާއަކީ މިނިސްޓްރީތަކާއި، ދަޢުލަތުގެ އިދާރީ ހިންގުމުގެ ޚަރަދާއި، ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތައް "މަޑުޖައްސާށޭ" ކަމަށެވެ.
"ފިނޭންސް މިނިސްޓަރ ގޮތްދޫކުރައްވާ، ޤައުމުގެ ހާލަތަށް އިސްކަންދެެއްވާށޭ" ރައީސް ޔާމީން ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރ ކަންވެސްކުރައްވާފައިވާ ސަޢީދު ވިދާޅުވެފައިވެއެވެ.
އަންނަ އަހަރަށް ދަޢުލަތުން ލަފާކުރާ ބަޖެޓްގެ މައްސަލާގައި ގިނަ ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ސަޢީދު ފާހަގަ ކުރައްވާފައިވާ ގޮތުގައި 2021 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައި ހުރީ ދަޢުލަތަށް ލިބިފައިހުރި ފައިސާނޫންކަމަށެވެ.
ނަމަވެސް ބަޖެޓްގައި ޖަހާފައިހުރީ ލިބިފައި ހުރި ފައިސާ ކަމަށާއި އެހެންކަމުން މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައިއެވެ.
ރައީސްގެ މި ވާހަކަފުޅާއި ގުޅިގެން ސަޢީދު ވިދާޅުވެފައި ވަނީ ރައީސަށް ލަފާއަރުވާ ބޭފުޅުން ވަނީ އެމަނިކުފާނަށް ސައްޚަ ނޫން މަޢުލޫމާތު ދެއްވާފައިކަމަށެވެ. ސައީދު މިހެން ވިދާޅުވެފައި މިވަނީ ބަޖެޓް ކޮމެޓީގައި ގަވަރުނަރު ޢަލީ ޙާޝިމް ބަޖެޓްގައިވާ ފައިސާއަކީ ލިބިފައިވާ ފައިސާއެއް ނޫންކަމަށް ވިދާޅުވެފައިވާތީއެވެ.
އަންނަ އަހަރަށް ދަޢުލަތުން ވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއްލަފާކޮށްފައެވެ.




