ހދ. ނޭކުރެންދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެރަށުން މިފަހަރުވެސް ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އުމުރުން 35 އަހަރުގެ އެމީހާ މާލެއިން ރަށަށް އައީ ކޮވިޑަށް ޓެސްޓްކުރުމަށް ފަހުގައެވެ. އަދި ރަށަށް އައިފަހުން އޭގެ ތިން ދުވަސްފަހުން އޭނާ މާލެއިން ހެދި ޓެސްޓްގެ ނަތީޖާ ލިބިފައިވާއިރު ކޮވިޑަށްވަނީ ޕޮޒިޓިވްވެފައެވެ. އެއީ މާލެއިން ނެގި ރެންޑަމް ސާމްޕަލްއެކެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ނޭކުރެންދޫއިން ޕޮޒިޓިވްވެފައިވަނީ މޯލްޑިވިއަންގައި މަސައްކަތްކުރާ މުވައްޒަފަކެވެ.
މިއީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވި ދެވަނަ މީހާއެވެ. މީގެކުރިން އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނަށް އައި ބިދޭސީއެކެވެ. އެމީހާ ޕޮޒިޓިވްވި ފަހުން 14 ދުވަސް ހަމަކޮށް މިހާރުވަނީ ކަރަންޓީނުން ދޫކޮށްލާފައެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވުވީ މީހުންގެ އަދަދު 12،500 އިން މައްޗަށް މިހާރު އަރާފައިވާއިރު، 11،497 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި އެކްޓިވް ކޭހުގެ ގޮތުގައި މިހާރު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދަކީ 997 އެވެ. މީގެތެރެއިން 80 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ. މިބަލީގައި ރާއްޖެއިން 45 މީހަކު ނިޔާވެފައިވެއެވެ.



