އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕުގެ ދޮށީ ދަރިކަލުން ޑޮނަލްޑް ޓުރަމްޕް ޖޫނިއާ ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެއެވެ.
ޓުރަމްޕް ޖޫނިއާގެ ފަރާތުން ވާހަކަދެއްކެވި ތަރުޖަމާނަކު ވިދާޅުވީ، އުމުރުފުޅުން 42 އަހަރުގެ ޓުރަމްޕް ޖޫނިއާ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ މިހަފްތާ ފެށުނުތާ ކައިރީގައި ކަމަށާއި މިވަގުތު ހުއްނެވީ ކަރަންޓީނުގައި ކަމަށެވެ.
ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ޓުރަމްޕް ޖޫނިއާގެ ކިބައިން ފެނިފައި ނުވާއިރު ކޮވިޑް-19 ގައި އަމަލުކުރަން އަންގައިފައިވާ ގައިޑުލައިނާއި އެއްގޮތަށް ސިއްހީ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާ ކަމަށް ޓުރަމްޕް ޖޫނިއާގެ ފަރާތުން މީޑިއާއަށްވަނީ މައުލޫމާތު ދީފައެވެ.
ރައީސް ޓުރަމްޕުގެ ދަރިންގެ ތެރެއިން މިއީ ކޮވިޑް-19 އަށް ޕޮޒިޓިވުވި ދެވަނަ ދަރިއެވެ. އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ އުމުރުން 14 އަހަރުގެ ބެރޮން ޓުރަމްޕެވެ. ނަމަވެސް ބެރޮން ޓުރަމްޕް މިހާރުވަނީ މިބަލިން ރަނގަޅުވެފައެވެ.
ޓުރަމްޕް ޖޫނިއާގެ ބައިވެރިއާ ކުރީގެ ފޮކްސް ނިއުސްގެ ހޯސްޓް ކިމްބަރލީވެސް މީގެކުރިންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. ނަމަވެސް ޓުރަމްޕް ޖޫނިއާ އާއި މިމުއްދަތުގައި ބައްދަލުވެފައި ނުވާކަމަށް ވެއެވެ.
އެމެރިކާއަކީ ކޮވިޑް-19ގެ ބަލިމަޑުކަން މިހާތަނަށް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެމެރިކާއިން މުޅި ޖުމްލަ 12,301,501 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މިބަލީގައި އެގައުމުން 260,628 މީހުންވަނީ ނިޔާވެފައެވެ.



