ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އަދި ރައީސް ނަޝީދު | ފޮޓޯ: މިހާރު

އިމްރާން ވަކިކުރަން އެމްޑީޕީ ޕީޖީން ފާހެއް ނުވި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި އިމްރާން މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާހެއް ނުވިއެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީޖަށް ހުށައެޅީ، އިދިކޮޅު ކޯލިޝަންގެ 11 މެންބަރުންގެ ސޮއިއާއެކު މިދިޔަ މަހުގެ 26 ގައެވެ.

މިއަދު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި އިމްރާންގެ އިތުބާރު ނެތްކަމަށް ނެގި ވޯޓުން ފާސްވެފައިވަނީ، އޭނާގެ އިތުބާރު އޮތްކަމަށެވެ.

އިދިކޮޅުން އިމްރާނުގެ އިތުބާރުނެތްކަމަށް ބުނެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ، ޑރ. އަފްރާޝިމް ޢަލީއާއި ރިޟްވާންގެ މަރުގެ މައްސަލައާއި ގުޅޭ ސުވާލަކަށް ޖަވާބުދެއްވަމުން އިތުރުފުޅު ހެއްދެވިކަމަށް އަމިއްލަ ފުޅަށް އިޢުތިރާފްވެވަޑައިގެން ވާހަކަފުޅު ދެއްކެވިކަމަށް ބުނެއެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރު އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ އިމްރާން ވަނީ ޤާނޫނު އަސާސީގެ 98 ވަނަ މާއްދާއާއި 132 ވަނަ މާއްދާއާއި ޚިލާފުވެވަޑައިގެންފައި ކަމަށެވެ.

އެގޮތުން ޝިޔާމް ވިދާޅުވެފައި ވަނީ، މިނިސްޓަރ އިމްރާން މަޖިލީހަށް ވަޑައިގެން ދުވަހު ޑރ. އަފްރާޝިމް ޢަލީއާއި ރިޟްވާންގެ މަރުގެ މައްސަލައާއި ގުޅޭ ސުވާލަކަށް ޖަވާބުދެއްވަމުން އިތުރުފުޅު ހެއްދެވިކަމަށް އަމިއްލަ ފުޅަށް އިޢުތިރާފްވެވަޑައިގެންފައި ވާކަމަށެވެ.

ޝިޔާމް ވިދާޅުވީ މަޖިލީހަށް ހާޒިރުވި ދުވަހުގެ އެއްރޭ ފަހުން ޓީވީއަށް ދެއްވި އިންޓަވިއުއެއް ނުވަތަ ޕްރޮގްރާމެއްގައި އިމްރާން ވަނީ މަޖިލީހުގައި ޖަވާބުދެއްވަމުން އިތުރުފުޅު ހައްދަވާފާއިކަމަށް ސީދާ އިޢުތިފާރްވެވަޑައިގެންފައިކަމަށެވެ.

މީގެ އިތުރުން ސަފާރީގައި ހިންގާ ދިޔަ ޖިންސީ ގޯނާއާއި ގުޅިގެން އެއީ ނުހިނގާ ކަމެއްކަމަށް ދޭހަވާ ގޮތަކަށް އިމްރާން އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވާފައިވާކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މިކަންކަމާއި ގުޅިގެން ޝިޔާމް ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަނުން ޤަބޫލު ކުރައްވާ ގޮތުގައި އިމްރާން ޢަބްދުﷲ ހޯމް މިނިސްޓަރު ކަމަށް ކުފޫ ހަމަ ނުވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ