ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރުމަށް ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ނިންމާފައިވާ ނިންމުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ފުލުހުންގެ އާ ޤާނޫނުގެ ދަށުން ފުލުހުންގެ އިސް މަޤާމުތަކުގައި ތިއްބެވި 7 އޮފިސަރަކު ވަކިކުރީ އިންސާފުންތޯ އާއި އަދި މިކަމުގައި ކިހާވަރެއްގެ ސިޔާސީ ނުފޫޒެއް ފޯރުވައިފައިވޭ ތޯ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް، މިއަދުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ޖަވާބުދެއްވަމުންނެވެ.
2020 ވަނަ އަހަރުގައި ވުޖޫދުވި ފުލުހުންގެ އާ ގާނޫނުގެ ދަށުން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި 7 އޮފިސަރަކު ވަކިކުރުމަށް ޕޮލިސް ބޯޑުން ވަނީ ނިއްމައިފައެވެ.
މިނިސްޓަރ ވިދާޅުވީ، ފުލުހުންގެ އާ ގާނޫނުގެ 75 ވަނަ މާއްދާގައި ޕޮލިސް ބޯޑެއްގެ އެކުލަވާލުމަށް ކަނޑައެޅިފައި ވަނީ ފުލުހުންގެ މަސައްކަތް ހަރުދަނާކޮށް، ނިޒާމު ފުރިހަމަކޮށް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ރަނގަޅު ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ގާނޫނުގެ 3 ވަނަ މާއްދާގެ ނޫނުގައި ބުނާ މަސައްކަތް ހަވާލުކުރެވިފައި ވާއިރުގައި، ޕޮލިސް ބޯޑަށް ހަވާލުކުރެވިފައިވާ ހުރިހާ މަސައްކަތެއްގައި ވަޒީރަށް ލަފާއެރުވުމާއި، ވަޒީރުގެ ދައުރު އިންނަގޮތަށް އޮތްނަމަވެސް، އެ މަސައްކަތް ކުރައްވާފައިވާއިރު، ވަޒީރުގެ އެއްވެސް ދައުރެއް ހިމެނޭގޮތަށް އެ މާއްދާ ފަރުމާކޮށްފައި ނުވާކަމަށެވެ.
"އެހެންކަމުން އެ މަސައްކަތް ކުރި އިރު އަޅުގަނޑުގެ އެއްވެސް ދައުރެއް އެ މަސައްކަތުގައި ނޯންނާނެ" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެ މަސައްކަތް ޕޮލިސް ބޯޑުން ނިންމެވުމަށްފަހު އެކަމުގެ އެމަސައްކަތުގެ އެއްވެސް ނަތީޖާއެއް މިނިސްޓަރާ ހިއްސާކޮށްފައި ނުވާކަމަށެވެ. ސަބަބަކީ އެކަމުގައި މިނިސްޓަރުގެ ދައުރެއް ގާނޫނުގައި ހިމެނިފައި ނުވާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެން ނަމަވެސް ޕޮލިސް ބޯޑުގެ ނިންމުންތައް ނިންމުމަށް އެ މަސައްކަތް ކުރަން އޮތް މުއްދަތުގައި ނުނިއްމިދާނެތީ، އެބޭފުޅުންގެ އެދުމުގެ މަތިން، މަސައްކަތްތައް ނިންމުމަށް ބާރު އަޅާ އެހީތެރިވެދީފައި ވާނެ ކަމަށާއި، އެކަން ފިޔަވާ އެހެން އެއްވެސް ކަމެއްގައި ވަކިގޮތަކަށް އެކަމެއް ކުރުމަށް ދަންނަވާފައި ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ޕޮލިސް ބޯޑުން 7 އޮފިސަރުން ވަކިކުރަން ނިންމި ނިންމުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައިވާ ކަމުގެ ޝަކުވާއެއްވެސް ލިބިފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިކަމުގައި މެންބަރުންނަށް އިތުރު ސުވާލުކުރުމަށް ފުރުސަތު އެރުވުމުން، ވަކިކުރަން ނިންމި އޮފިސަރުން އަމިއްލައަށް އިސްތިއުފާ ދޭން އިމްރާން އެންގެވިންތޯ ވެސް ޝިޔާމް ވަނީ ސުވާލުކުރައްވާފައެވެ. ނަމަވެސް އެފަދަ އެންގުމެއް އަންގައިފައި ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރުމަށް ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ވަކިކުރަން ނިންމި 7 ފުލުހުންގެ ތެރެއިން، ފުލުހުންގެ އިސް 2 އޮފިސަރެއް ވަކިކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިހާރު ވަނީ ނޯޓިސް ފޮނުވައިފައެވެ. އެއީ އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) އާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދަށެވެ.
އެ ދެ ބޭފުޅުންނަށް ފޮނުއްވައިފައި ނޯޓިސްގައި ބުނެފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހު މަގާމުން ވަކި ކުރުމުގެ އިޖުރާއަތްތައް ފައްޓަވާނެ ކަމަށެވެ.




