ގެސްޓްހައުސް ހުޅުވުމާ ދެކޮޅަށް ދަރަވަންދޫގައި މުޒާހަރާކުރަނީ

ބ. އަތޮޅު ދަރަވަންދޫގައި ގެސްޓްހައުސް ހުޅުވުމާއި ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކޮށްފިއެވެ.

ދަރަވަންދޫގެ ރައްޔިތުން މުޒާހަރާ ކޮށްފައިވަނީ ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް އެރަށުގައި ގެސްޓްހައުސް ހުޅުވުމުގެ ސަބަބުން ކަމަށެވެ.

ރައްޔިތުން ނިންމި ގޮތައް، ގެސްޓްހައުސް ނުހުޅުވުމަށް އެދި ގޮވާލާ މި މުޒާހަރާ ފަށާފައިވަނީ މިއަދު ހެނދުނު 10 ޖަހާއިރުއެވެ. އަދި ހަވީރު 4 ޖަހާއިރު މި މުޒާހަރާ ނިންމާލިއުރު މި މުޒާހަރާގައި 60 އަށް ވުރެ ގިނަ އެ ރަށުގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

މި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއް މި ނޫހަށް މައުލޫމާތު ދެމުން ބުނީ، މީގެ މަހެއްހާ ދުވަސްކުރިން ގެސްޓުން ގެނައުމާއި ގުޅޭގޮތުން ދަރަވަންދޫގެ ރައްޔިތުންނާއި ކައުންސިލުން ބައްދަލު ކުރި ކަމަށާއި އެ ބައްދަލުވުމުގައި ރައްޔިތުންގެ ވޯޓުން ދަރަވަންދޫއަށް ގެސްޓުން ނުގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެފަރާތުން ބުނީ، ގެސްޓްހައުސް ހުޅުވުމަށް ރައްޔިތުން ބޭނުން ނުވާ ސަބަބަކީ، ރައްޔިތުން ފުރަބަންދުވެގެން ރައްޔިތުން މާސްކް އަޅަންޖެހޭ ގޮތައް އެޗްޕީއޭގެ ގަވާއިދުގައި އޮންނާތީ ކަމަށެވެ.

"ރައްޔިތުން ފުރަބަންދުވެގެން ރައްޔިތުން މާސްކް އަޅަންޖެހޭ ގޮތައް އެޗްޕީއޭގެ ގަވާއިދުގައި އޮންނާތީވެ ގެސްޓުން ގެނައުމަށް ރައްޔިތުން ބޭނުން ނުވޭ. ކައުންސިލުން ވެސް ނިންމީ ގެސްޓްހައުސް ހުޅުވަން ރައްޔިތުން ބޭނުން ނުވާނަމަ ނުހުވަން. ހުއްދައެއް ނުދޭނަމޭ ކިޔާފަ ސިޓީއެއް ފޮނުވިކަމަށް ވަނީ." އެފަރާތުން ބުނެފައިވެއެވެ.

ކައުންސިލުން ގަރާރެއް ފާސްކޮށް ގެސްޓްހައުސް ހުޅުވުމަށް ފާސްކޮށްފައިވާ ކަމަށް އެ ފަރާތުން މައުލޫމާތު ދިނެވެ. ކައުންސިލްގެ ނައިބު ރައީސް ހިއްސާވާ ގެސްޓްހައުސްއެއް ހުންނަ ކަމަށާއި ހަގީގަތުގައި މިކަން ކުރީ އެ ގެސްޓްހައުސް ހުޅުވުމަށް ކަމަށް ވެސް އެ ފަރާތުން ތުހުމަތުކުރިއެވެ. އަދި ކައުންސިލް ރައީސް އާއި ނައިބު ރައީސް މި ގަރާރު ފާސްކުރުމަށް ވޯޓުދީފައިވާ ކަމަށާއި ނަމަވެސް ދެން ހުރި މެންބަރު ވޯޓު ދިނީ ރައްޔިތުން ނިންމާފައިވާގޮތައް ގެސްޓްހައުސްތައް ނުހުޅުވުމަށް ކަމަށް ބުންޏެވެ.

"ކައުންސިލްގެ ގަވާއިދުގައި އޮވޭ އެމީހެއްގެ މަސްލަހަތު އޮންނަ ކަމެއްގައި އެމީހަކަށް ބައިވެރި ނުވެވޭނެ ކަމަށް. ނަމަވެސް ނައިބު ރައީސް ހިއްސާވާ ގެސްޓްހައުސްއެއް އޮވޭ. މައިގަނޑު ގޮތެއްގައި އެ ގެސްޓްހައުސް ހުޅުވުމަށް މިއުޅެނީ. 20 ވަރަކަށް ގެސްޓްހައުސް ހުރޭ. އެކަމަކު މި 2 ގެސްޓްހައުސް ހުޅުވުމަށް ގަރާރެއް ފާސްކޮށް ގެސްޓްހައުސް ހުޅުވީ." އެފަރާތުން ބުނެފައިވެއެވެ.

މީގެ އިތުރުން ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރަން ބޭނުން ނުވާ ކަމަށާއި ނަމަވެސް މިއަދު މެންދުރުފަހު ރައްޔިތުންގެ ތެރެއިން 6 މީހުންނާއި ބައްދަލު ކުރި ކަމަށާއި އެހެން ރަށްރަށަށް އެރޭ ގޮތައް ލުއި ހޯދައިދެވޭތޯ ބަލަމުންދާ ކަމަށް ކައުންސިލުން މި ބައްދަލުވުމުގައި ބުނެފައިވާކަމަށެވެ.

"ގެސްޓުން ގެންނަން ބޭނުން. ނަމަވެސް ދަރަވަންދޫ ރައްޔިތުން ބޭނުމެއް ނުވޭ މިހާލަތުގައި މިގޮތައް ގެސްޓްހައުސް ހުޅުވައިގެން ރަށުބަންދުގައި ހުރެގެން މިކަން ކުރަން." މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

މިކަމާއި ގުޅިގެން ކައުންސިލްގެ ރައީސް ޢަލީ މާޖިދު ވިދާޅުވީ، ކައުންސިލުން ޓޫރިޒަމް މިނިސްޓްރީއާއި ދެކެވުނު ވާހަކަ ތަކުގެ ތެރޭގައި ރައްޔިތުންނާއި ބައްދަލު ކުރެވުނު ކަމަށާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގެސްޓްހައުސް ހުޅުވަން ބޭނުން ނުވާ ކަމަށެވެ.

"ބޭނުމެއް ނުވޭ ގެސްޓްހައުސް ހުޅުވަން. އެކަން ރިވައިސް ކުރުމަށް ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ގެސްޓުން ގެނައުމަށް ގަރާރެއްގެ ގޮތުގައި ބަދަލުކުރެވިގެން ދިޔަ. ރައްޔިތުންގެ ބައްދަލުވުމަކީ ވެސް ވެލިޑް އެއްޗެއް. ކައުންސިލުގެ ގަރާރަކީ ވެސް ގާނޫނީ ގޮތުން ބާރުލިބިދޭ އެއްޗެއް. ގަރާރު ރައްޔިތުންގެ ބައްދަލުވުމަށްވުރެ ބާރުގަދަވާނެ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޢަލީ މާޖިދު އިތުރަށް ވިދާޅުވީ، ރައްޔިތުން ބޮޑަށް ހިތްހަމަނުޖެހެނީ އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން ކަމަށާއި އެޗްޕީއޭގެ ގައިޑްލައިން ބަދަލުކުރެވޭތޯ މިއަދާއި ހަމައަށްވެސް ބެލާފައިވާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ގެސްޓުން ނުގެންނަ ކަމަށްވާނަމަ އެކަން ކުރަން ކެރޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ މަސްލަތެއް ނޯންނާނެ މިކަމުގައި. އަޅުގަނޑުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ގޮތައް ކަންތައްތައް ކުރުން. ދައުލަތުން ވަރަށްބޮޑަށް އެދެމުން ދިޔައީ މިކަން ކުރެވޭނެ މަގެއް ހޯދުމަށް. ޓޫރިޒަމް މިނިސްޓްރީ އާއި އެކު މިރޭ އެބައޮތް ބައްދަލުވުމެއް. އެ މީޓިންގައި މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރާނަން." ޢަލީ މާޖިދު ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ބަންދުކުރުމަށްފަހު ރާއްޖޭގެ ބޯޑަރު އަކުން ހުޅުވާލިފަހުން މީހުން ދިރިއުޅޭ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މީހުން ދިރިއުޅޭ 23 ރަށެއްގެ 94 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. މި 94 ގެސްޓްހައުސްއާއިއެކު ގެސްޓްހައުސް ސިނާއަތުގައި މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދެމުންދާ އެނދުގެ އަދަދަކީ 1986 އެކެވެ.

 

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ