އިންކަމް ސްޕޯޓު އެލަވަންސް ގޮތުގައި 129 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިހިނގާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 129.2 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ 11072 ފަރާތަކަށް ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައެވެ.

އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 30395 އެޕްލިކޭޝަނަކަށް ވަނީ ފައިސާ ޖަމާކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ސަރުކާރުން ނެރުނު އިކޮނޮމިކް ރިލީފް ޕެކޭޖުގައި ހިމަނައިގެން ދޭން ފެށި، އިންކަމް ސްޕޯޓުގެ ގޮތުގައި ދޫކުރަނީ 5،000ރ. އެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޮވިޑް-19 އާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ. އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ދާދިފަހުން ވަނީ ބަދަލުވެސް ގެނެސްފައެވެ.

މި ބަދަލުގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެންބަރު 2019 ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްއަށް އެދި ހުށައެޅޭނެކަމަށެވެ. މީގެކުރިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ މާރޗުމަހުގެ އެއްވަނަ ދުވަހުގެ ފަހުން، މުސާރައަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ