ގުރުއާނުގެ އާޔަތްތައް މަޖިލީހުގައި ނުކިޔުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގުރުއާނުގެ އާޔަތެއް ކިޔުއްވައި އެ އާޔަތުގެ މާނަ ކިޔުއްވަން އުޅުއްވުމުން ނަޝީދު ވަނީ އެކަން ހުއްޓުވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ގުރުއާން ހިތުދަސް ނޫން ކަމަށާއި އެހެންކަމުން ރިޔާސަތުގައި އިނދެ މެމްބަރުން ގުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ގެންދަވާއިރުގައި އޭގެ ސައްހަކަން ކަށަވަރު ނުވާ ކަމަށެވެ.
"އަޅުގަނޑު ގުރުއާން ހިތު ދަހެއް ނޫން އެހެންވީމަ މިތަނުގައި އަޅުގަނޑު ރިޔާސަތުގައި އިނދެ އިއްޒަތްތެރި މެމްބަރުން ގުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ގެންދަވާއިރުގައި އަޅުގަނޑަކަށް އޭގެ ސައްހަކަން ކަށަވަރެއް ކުރެވޭކަށް ނޯވޭ. އިއްޒަތްތެރި މެމްބަރުން، މިތަނުގެ ޝޭހުން މަދު ދީނީ އިލްމުވެރިންނެއް ނޫން އިއްޒަތްތެރި މެމްބަރުންނަކީ. އެމަގަށް ވާހަކަ ދެއްކެވީމައި އަޅުގަނޑަށް ވަރަށް ބޮޑު އުނދަގޫ ކަމެއް ދިމާވާތީވެ އިއްޒަތްތެރި މެންބަރުން އަރިހުގައި ދަންނަވާލީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ސަލީމް ވިދާޅުވީ، ރައީސް ނަޝީދު އެފަދައިން ވިދާޅުވީ، ގުރުއާނާ ދޭތެރޭގައި ވިސްނިފަ އޮންނަ ގޮތް ފަހަރެއްގައި ގޯސްވުމުން ކަމަށް ވެދާނެ ކަމަށެވެ.
މިކަމާއި ހިތްހަމަ ނުޖެހިވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ، އިއްޒަތްތެރި މެންބަރަށް ތިމޭރުމަކުން ވާހަކައެއް ނުދެއްކެވޭނެ ކަމަށާއި އެފަދައިން ވިދާޅުވީ ގުރުއާނާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްއޮވެގެނެއް ނޫން ކަމަށެވެ.
"އޮތް ގަދަރެއްގެ ބޮޑުކަމުން. އިއްޒަތްތެރި މެންބަރަށް ކުއް ވިދާޅުވެވޭއިރު އަޅުގަނޑަށް ނޭގި މިތަނުގައި އެ ކުއް ގަބޫލުކޮށްގެން ކުރިއަށް ގެންދެވިދާނެތީ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އެހެން ވިދާޅުވުމުން ސަލީމް ވިދާޅުވީ، ގަުރުއާނުގެ ހަތިމްގެ ތަރުޖަމާއާއެކު ރައީސް ނަޝީދު މަޖިލީހުގައި ހުންނަވަން ފެނިވަޑައިގަންނަވާ ކަމަށެވެ.




