ހެލްތް މިނިސްޓަރ އަހުމަދު ނަސީމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މިނިސްޓަރ ނަޞީމަށް ރުހުން ދީފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 66 މެންބަރުންގެ ވޯޓުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް އަޙްމަދު ނަސީމް އައްޔަން ކުރައްވާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ނަޞީމް ހެލްތް މިނިސްޓަރު ކަމަށް އިސްކުރައްވަފައި ވަނީ އެ މަޤާމުގައި ކުރިން ހުންނެވި ޢަބްދުﷲ އަމީން އެމަޤާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. އަމީން ހެލްތް މިނިސްޓަރު ކަމުން އިސްތިޢުފާދެއްވީ ވެންޓިލޭޓަރު މައްސަލާގައި ކޮރަޕްޝަންގެ ތުހުމަރު އަމާޒުވެ އަމިއްލަ ފުޅަށް މަސްޢޫލިއްޔަތުން އެކަހެރިވެވަޑައިގެން ހުންނެވުމަށްފަހުއެވެ.
ކެރެފާ ނަސީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ މިމަޤާމަށް އައްޔަން ކުރެއްވި އިރު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައެވެ.




