ހެލްތް މިނިސްޓަރ އަހްމަދު ނަޝީމް މިރެ ނޫސްވެރިންނާއި ބައްދަލު ކުރައްވަން ހަމަޖެހިފައިވާކަމުގައި އެޗްޕީއޭ އިން ހާމަ ކުރައްވައިފިއެވެ.
މިނިސްޓަރ ނަޞީމް ނޫސްވެރިންނައި ބައްދަލު ކުރައްވަން ނިންމަވާފައި މިވަނީ ރޭ އުމުރުން 10 އަހަރުގެ ކުޑަކުއްޖަކު ފަރުވާ ދިނުން ވަރަށް ބޮޑަށް ލަސްވެފައި ވަނިކޮށް އެކުއްޖާ ނިޔާވި މައްސަލާގައި ގިނަ ބަޔަކު ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ދާ ދަނޑިވަޅެއްގައެވެ.
އެގޮތުން ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، އުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދުގެ ހާލު ގޯސްވުމުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅުމުން އެމްބިއުލާންސް އައިސްފައިވަނީ ދެ ގަޑިއިއަރަށް ވުރެ ގިނައިރު ވީ ފަހުން ނެވެ.
މިޝްކާ ނިޔާވެފައިވަނީ އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީގައި ފަރުވާދެނިކޮށް 12:10 ގައެވެ. އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނަ އިރެއް ނުވަނީހެވެ.
މި މައްސަލާގައި އެމްބިއުލާންސް އައުން ލަސްވުމުން މިކަން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. އަދި ހެލްތް މިނިސްޓަރ ނަޞީމް ވަނީ އެ ކުއްޖާގެ ނިޔާވި މައްސަލާގައި މައާފަށް އެދިފައެވެ.
މީގެ އިތުރުން އެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން އަންނަ ކަމަށް ބުނެފައިވާއިރު ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ މައްސަލަ ހުށަހަޅާފައެވެ.
މިނިސްޓަރ ނޫސްވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މިރޭ 10 ޖަހައިރު އޮންނަ އެޗްޕީއޭގެ ޕްރެސް ކޮންފަރެންސްގައެވެ.
In today’s HEOC press conference at 10:00pm:
▫️Ahmed Naseem, Minister of health
— Health Protection Agency (@HPA_MV) June 2, 2021
މިނިސްޓަރ ނަޞީމް ނޫސްވެރިންނާއި ބައްދަލު ކުރަން ނިންމާފައި މި ވާ ދަނޑިވަޅަކީ ރާއްޖޭގައި ކޮވިޑް-19 ވަރަށް ހަލުވި ކަމާއެކު ފެތުރެމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ދަނޑިވަޅެކެވެ. މި ބަލި އަލުން ފެތުރެން ފެށި މައްސަލާގައި ގިނަ ބަޔަކު ވަނީ ސަރުކާރަށް ބޮޑެތި ފަޑު ކިޔުންތަކެއް އަމާޒު ކުރައްވާފައެވެ.
މީގެ އިތުރުން ކޮވިޑް-19 ވެކްސިންއާއި ގުޅޭ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.




