ދަރަވަންދޫއަށް ފަތުރުވެރިން ނުގެންނަން ކައުންސިލުން އަންގައިފި

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުން ވަކި ގޮތެއް އަންގަންދެން އެރަށަށް ފަތުރުވެރިން ގެނައުން ހުއްޓާލުމަށް ގެސްޓްހައުސްތަކަށް އެރަށު ކައުންސިލުން އަންގައިފިއެވެ.

ދަރަވަންދޫ ކައުންސިލުން މިއަދުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ކައުންސިލްގެ ތިން ވަނަ ދައުރުގެ 174 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ގެސްޓްހައުސްތައް ހުޅުވުމާއި ގުޅޭ ގަރާރުގެ ދަށުން ގެސްޓަހައުސްތައް ހުޅުވުމަށް ދެވިފައިވާ ހުއްދައިގެ ދަށުން ފަތުރުވެރިން ދަރަވަންދޫއަށް ގެނައުން ކައުންސިލުން ވަކިގޮތެއް އަންގަންދެން ހުއްޓާލުމަށް ދައްނަވާ ކަމަށެވެ.

މިފަދަ ނިންމުމެއް ދަރަވަންދޫ ކައުންސިލުން ނިންމައިފައި މިވަނީ، ގެސްޓްހައުސް ހުޅުވުމާއި ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން އެރަށުގައި އިއްޔެ މުޒާހަރާ ކޮށްފައި ވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ އެރަށުގައި މުޒާހަރާ ކޮށްފައިވަނީ، ދަރަވަންދޫ ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް އެރަށުގައި ގެސްޓްހައުސް ހުޅުވުމުގެ ސަބަބުންނެވެ.

މި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއް މި ނޫހަށް މައުލޫމާތު ދެމުން ބުނީ، މީގެ މަހެއްހާ ދުވަސްކުރިން ގެސްޓުން ގެނައުމާއި ގުޅޭގޮތުން ދަރަވަންދޫގެ ރައްޔިތުންނާއި ކައުންސިލުން ބައްދަލު ކުރި ކަމަށާއި އެ ބައްދަލުވުމުގައި ރައްޔިތުންގެ ވޯޓުން ދަރަވަންދޫއަށް ގެސްޓުން ނުގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެފަރާތުން ބުނީ، ގެސްޓްހައުސް ހުޅުވުމަށް ރައްޔިތުން ބޭނުން ނުވާ ސަބަބަކީ، ރައްޔިތުން ފުރަބަންދުވެގެން ރައްޔިތުން މާސްކް އަޅަންޖެހޭ ގޮތައް އެޗްޕީއޭގެ ގަވާއިދުގައި އޮންނާތީ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މީހުން ދިރިއުޅޭ 23 ރަށެއްގެ 94 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. މި 94 ގެސްޓްހައުސްއާއިއެކު ގެސްޓްހައުސް ސިނާއަތުގައި މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދެމުންދާ އެނދުގެ އަދަދަކީ 1986 އެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ