ހުޅުމާލެ - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ހުޅުމާލެ ޑްރަގް މައްސަލައިގެ މީހުން އަނެއްކާ ވެސް ދޫކޮށްލައިފި

ހުޅުމާލޭގެ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު އިއްޔެ ރޭ ފުލުހުން ހައްޔަރު ކުރި ދެމީހުން ކޯޓުން ދޫކޮށްލުމުން ދެ ވަނަ ފަހަރަށް ހައްޔަރު ކުރުމުން ވެސް ކޯޓުން އެ މީހުން ދޫކޮށްލައިފި އެވެ.

އެ މީހުން ދޫކޮށްލީ ހުޅުމާލޭ ކޯޓުގެ އަމުރަކަށް އަލުން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ހުޅުމާލޭ ކޯޓަށް ގެންދިއުމުންނެވެ. އެ މީހުން ދޫކޮށްލިކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް, ދޫކޮށްލި ސަބަބު ވަނީ ސާފުވާގޮތް ނުވެފައެވެ.

ފުލުހުން ބުނީ ބަންދުން ދޫކޮށްލި ސަބަބެއް ކޯޓުން ސާފުކުރުމަށެވެ.

ހުޅުމާލޭ ގެޔަކުން އިއްޔެ ރޭގެ ވަގުތެއްގައި ތިން ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ. ނަމަވެސް އެ ގެ ފާސްކުރުމަށާއި މީހުން ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ކަންކަން ފުރިހަމަވެފައި ނެތުމުން ކްރިމިނަލް ކޯޓުން އެ މީހުން އިއްޔެ އެ މީހުން ދޫކޮށްލީ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް އެ މީހުން ހާޒިރުކުރުމުންނެވެ.

ކްރިމިނަލް ކޯޓުން އެމީޙުން ދޫކޮށްލުމުން އަލުން ފުލުހުން އެމީހުން ހައްޔަރު ކުރީ ރޭ މެންދަމުން އަލިވެ 3:17 ހާ އިރު ކަމަށް ފުލުހުން ބުނި ނަމަވެސް، ހައްޔަރުކުރި ކޯޓު އަމުރު ނެރުނީ ކޮން ކޯޓަކުން ކަމެއް ފުލުހުން ނުބުނެއެވެ.

ބަންދުގައި ބައިތިއްބަން އަމުރު ނެރެވެން ނެތް ކަމަށް ބުނެ، މައްސަލާގައި ހިމެނޭ އެކަކަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި އޮތީ އެ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ކަމަށް ބުނެފައި ވާއިރު، އޭނާ އަށް ދިން އަމުރުގެ ކޮޕީގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި ބުނާ، ކޯޓު އަމުރެއްގައި ހުންނަން ޖެހޭ ކަންކަން ފުރިހަމަވެފައި ނެތް ކަމަށެވެ. އެހެންވެ އެ މީހާ ހައްޔަރުކުރީ ސައްހަ ކޯޓު އަމުރެއްގެ ދަށުން ކަމަށް ނުވާތީ ބަންދުގައި ބަހައްޓަން އަމުރު ކުރެވެން ނެތް ކަމަށް ގާޒީ ނިންމެވީ އެވެ. މި މާއްދާގައި ބުނާ ކަންކަމުގެ ތެރެއިން ކޯޓު އަމުރުގައި ނެތީ ހުއްދަ ދޭ ފަނޑިޔާރުގެ ނަން ކަމަށް އެނގިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް