އިންތިހާބުގެ ނަތީޖާ ބަލައިގަތުމަށް ޓުރަމްޕުގެ ގާތްފަރާތްތަކުންވެސް ގޮވާލަން ފަށައިފި

މިމަހުގެ ތިންވަނަ ދުވަހު އެމެރިކާގައި ބޭއްވުނު އެގައުމުގެ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓުރަމްޕް އިންތިހާބުގެ ނަތީޖާ ބަލައިގަތުމަށް އެމަނިކުފާނާއި އަރިސް ބޭފުޅުންވެސް ގޮވާލަން ފައްޓަވައިފިއެވެ.

ކުރީގެ ނިއުޖާސީގެ ގަވަރުނަރު ކުރިސް ކުރިސްޓީ ޓުރަމްޕަށް ގޮވާލައްވައިފައިވަނީ، އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ހުއްޓަވާލައްވައި އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރެއްވުމަށެވެ. އަދި ޓުރަމްޕުގެ ގާނޫނީ ޓީމަކީ ގައުމަށް އޮތް ބޮޑު ލަދެއް ކަމަށްވެސް ވިދާޅުވިއެވެ.

ޓުރަމްޕް އައްނަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރުމަށް ދެކޮޅު ހަދަމުންނެވެ. އިންތިހާބުގައި ކުރި ހޯއްދެވި އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން އިންތިހާބު ކާމިޔާބު ކުރައްވައިފައިވާކަމަށް ޓުރަމްޕް މީގެކުރިން ވިދާޅުވިނަމަވެސް ޓުރަމްޕް ތުހުމަތު ކުރައްވާ ގޮތުގައި ބައިޑަން އަށް އިންތިހާބު ކާމިޔާބު ކުރެވިފައިވަނީ އިންތިހާބުގައި މަކަރު ހަދައިފައިވާތީއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނޮވެމްބަރު ތިން ވަނަ ދުވަހު ނިމިފައިވާއިރު ބައިޑެން އިންތިހާބު ކާމިޔާބުކޮށްފައިވާކަން ރަސްމީކޮށް އިއުލާން ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މިއިންތިހާބުގެ 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ބައިޑެން ކާމިޔާބު ކޮށްފައިވާއިރު ޓުރަމްޕަށް ކާމިޔާބު ކުރެވިފައިވަނީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ބޭނުން ވެއެވެ.

ރިޕަބްލިކަން ޕާޓީ އަދި ޑިމޮކްރެޓިކް ޕާޓީގެ ގަވަރުނަރުންނާއި ބައްދަލުކުރެއްވުމަށްފަހު ބައިޑެން މިދިޔަ ހަފްތާގައި ވިދާޅުވީ އިންތިހާބަށްފަހު އެގައުމުގެ ފެޑަރަލް އޭޖެންސީތަކާ ބައިޑެންގެ ޓީމުން ބައްދަލުކުރިޔަ ނުދިން ކަމަށެވެ. އޭގެ ތެރޭގައި ކޮރޯނާ ވައިރަސްއިން އަރައިގަތުމަށް އެކުލަވާލައިފައިވާ ޓީމްވެސް ހިމެނޭ ކަމަށެވެ. އަދި މީގެ ސަބަބުން އެމެރިކާގެ ޑިމޮކްރަސީއާ މެދު ދުނިޔެ ދެކޭގޮތް ކިލަނބުވެފައިވާކަމަށް ބައިޑެން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ