އިންތިހާބު ކާމިޔާބު ކުރެއްވީ ބައިޑެންކަން ކޮންގްރެސްއިން އިއުލާންކޮށްފި

މިދިޔަ އަހަރުގެ ނޮވެންބަރުމަހު އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފައިވަނީ ޑިމަކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޖޯ ބައިޑެން ކަމަށް އެމެރިކާގެ ކޮންގުރެސްއިން އިއުލާން ކޮށްފިއެވެ.

އެކި ސްޓޭޓްތަކުން ޖޯ ބައިޑަން އަށް 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބުނުކަން ކޮންގްރެސްގެ ދެ ގެ އެއްވެގެން ބޭއްވި ބައްދަލުވުމުން ރަސްމީކޮށް ކަނޑައަޅައިފައިވާއިރު ވެރިކަން ހޯދުމަށް ބޭނުންވަނީ 270 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އެމެރިކާގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓުރަމްޕަށް ލިބިވަޑައިގެންފައިވަނީ 232 ވޯޓެވެ.

ކޮންގުރެސްއިން ބައިޑެން އިންތިހާބު ކާމިޔާބުކުރިކަން އިއުލާން ކުރުމުން ރައީސް ޑޮނަލްޑް ޓުރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިންތިހާބުގެ ނަތީޖާއާ މެދު ދެކޮޅު ހެއްދެވި ނަމަވެސް، ޖެނުއަރީ 20 ގައި ވެރިކަން ބަދަލުވާނެ ކަމަށެވެ.

ޓުރަމްޕް މިހެން ވިދާޅުވެފައިވާއިރު އިއްޔެ ފާހަގަ ކޮށްލެވިގެން ގޮސްފައިވަނީ އެމެރިކާގައި ހަމަނުޖެހުން ބޮޑު ދުވަހެއްގެ ގޮތުގައެވެ. މިގޮތުން ޓުރަމްޕުގެ ސަޕޯޓަރުންވަނީ ކޮންގްރެސް އިމާރާތަށް ވަދެ ހަމަނުޖެހުން ހިނގައިފައެވެ. މި ހަމަނުޖެހުންތަކުގައި ޖުމްލަ ހަތަރުމީހުންވަނީ މަރުވެފައެވެ.

ޓުރަމްޕުގެ ސަޕޯޓަރުންވަނީ ކޮންގުރެސް އޮއްނަ އިމާރާތުގެ ތެރެއަށް ވަދެގަނެފައި

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ބަލައިގަތުމަށް ކޮންގްރެސްގެ ބައްދަލުވުން ބާއްވަމުން ދަނިކޮށް ހިނގި މި ހަމަނުޖެހުންތައް ފެށިފައިވަނީ ރައީސް ޓުރަމްޕް އިސްވެ ހުއްނަވާ ކޮންގުރެސް ހުއްނަ ސަރަހައްދު ކައިރީ ބޭއްވި އެއްވުމަކަށް ފަހުއެވެ. ސިޔާސީ ތަޖްރިބާކާރުން ސިފަކޮށްފައިވާ ގޮތުގައި އިއްޔެ ފާހަގަ ކޮށްލެވެނީ އެމެރިކާގެ ޑިމޮކްރެސީގެ ތާރީޚުގައި ކަޅު ދުވަހެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ