އެމެރިކާގައި މިދިޔަ ނޮވެމްބަރުމަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުން ކަމަށްވާ ޖޯ ބައިޑަން އަށް ރަޝިއާގެ ރައީސް ވްލަޑިމޭރް ޕޫޓިން މަރުހަބާ ދައްނަވައިފިއެވެ.
ޕޫޓިން، ބައިޑަން އަށް މަރުހަބާ ދައްނަވައިފައި މިވަނީ، އިލެކްޓޯރަލް ކޮލެޖުން ރަސްމީ ސިފައެއްގައި އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓަކީ ބައިޑެންކަން މިދިޔަ ހޯމަދުވަހު ނިންމައިފައި ވަނިކޮށެވެ.
ކުރެމްލިން އިން މީގެކުރިންވެސް ބުނެފައިވަނީ، ޕޫޓިން ބައިޑަންއަށް މަރުހަބާ ދައްނަވާނީ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަނުން ހާމަކުރެއްވުމުން ކަމަށެވެ. ނަމަވެސް ދުނިޔޭގެ ގިނަ ލީޑަރުންވަނީ އިންތިހާބުނިމުނުތާ މަދުދުވަސްކޮޅެއްގެ ތެރޭގައި ބައިޑަންއަށް މަރުހަބާ ދައްނަވައިފައެވެ.
ކުރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕޫޓިންވަނީ ބައިޑަންއަށް މަރުހަބާ ދައްނަވާ ކާމިޔާބީއަށް އެދިފައި ކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައިވާ ތަފާތުތައް އެއްފަރާތްކޮށް ދުނިޔޭގެ ސުލްހައަށް ދެގައުމުން ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ ޔަގީންކަން އެބައޮތްކަންވެސް ޕޫޓިން ފާހަގަ ކުރެއްވި ކަމަށެވެ.
ނޮވެމްބަރ ތިންވަނަ ދުވަހު އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިހާބު ބައިޑަން ކާމިޔާބު ކުރައްވައިފައިވަނީ އިލެކްޓަރުންގެ 306 ވޯޓުންނެވެ. ޓްރަމްޕަށް ލިބިވަޑައިގަތީ އިލެކްޓަރުންގެ 232 ވޯޓެވެ.