ބެޔަސް ނުބެޔަސް 10000 ދޭން ބުނި މީހުން އެނުދީ ދައްކާ ވާހަކައިން ހައިރާންވެއްޖެ: ޖާބިރު

ބެޔަސް ނުބެޔަސް 10000 ދޭން ބުނި މީހުން އެނުދީ އައިސް މަޖިލީހުގައި މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމުގެ ވާހަކަ ދައްކަވާތީ ހައިރާންވެ އަންތަރީސްވެއްޖެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށައެޅުއްވި މަސްވެރިން ބާނާ މަސް ނުކިރުމާއި، ފައިސާ ނުލިބުމާއި، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ ޤަރާރަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ މިދިޔަ ސަރުކާރުން މަސްވެރިންނާއި ދޭތެރޭ ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށާއި އެބޭފުޅުން މަސްވެރިންނަށްވީ ވައުދާއި ސީދާ ހިލާފުވެފައި ވާކަމަށެވެ. އެހަނދާން އާކުރަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ފުރަތަމަ ހަމަޖައްސަންވީ ބެޔަސް ނުބެޔަސް މަސްވެރިންނަށް ދޭން ބުނި 10000 ރުފިޔާ ކަމަށާއި މިފްކޯއާއި ފެލިވަރާއި އެސްޓީއޯއަށް އަތް ބާނައިގެން ރައީސް ޔާމީންގެ ސަރުކާރުން ވައްކަން ކުރެއްވި ކަމަށް ޖާބިރު ވިދާޅުވިއެވެ.

ފިސަރީޒް މިނިސްޓަރ ޒަހާ ވަހީދު މަޤާމުން ވަކި ކުރުމަށް ޖާބިރު ވަނީ ތަކުރާރުކޮށް ގޮވާލައްވައިފިއެވެ. ޒަހާ ވަހީދަށް ރަނގަޅުވާނީ އެންވަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

މިހާހިސާބަށް އައިއިރުވެސް މަސްވެރިކަން ކުރަމުން އަންނަނީ އެންމެ ކުރީގައި މަސްވެރިކަން ކުރި ގޮތަށް ކަމަށާއި މިކަމާއި ގުޅިގެން މަސްވެރިކަން މިއޮތީ މަސްވެރިޔާ އާއި އޮޑިވެރިޔާ ދަރާ، މުދާ ވިއްކާ ހިސާބުގައި ކަމަސް ޖާބިރު ވިދާޅުވިއެވެ. މަސްގަންނަ ކުންފުނީގައި ތިބީ ސިޔާސީ މީހުން ކަމަށާއި މިކަމުގެ ސަބަބުން ހަރަދު ބޮޑުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ