ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކުރުމަށްފަހު، މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، ޖާބިރު ހައްޔަރު ކުރީ އޭނާ ކޯޓަށް ހާޒިރުކޮށް ދިނުމަށް އެދި ސިވިލް ކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުން މިއަދުގެ ވަގުތެއްގައެވެ. ޖާބިރު ހައްޔަރު ކުރީ ގއ. އަތޮޅުގެ ފަޅު ރަށެއްގައި ހުންނަވަނިކޮށެވެ. އަދި ހައްޔަރުކޮށްގެން ގެންދިޔައީ، ގދ. ތިނަދޫ އަށެވެ.
ޖާބިރުގެ ދަރިކަލަކާއި ހަވާލާދީ "ސަން" އިން ރިޕޯޓުކުރި ގޮތުގައި، ސިވިލް ކޯޓަށް ހާޒިރުކުރުމަށްފަހު ދާދި ދެންމެ ޖާބިރު ވަނީ ދޫކޮށްލައިފަ އެވެ. ޖާބިރު ދޫކޮށްލީ ތިނަދޫގައި ހުންނަވާ ސިވިލް ކޯޓުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަންނަވަން އެއްބަސްވެވަޑައިގެންނެވުމުން ކަމަށް ފުލުހުން ބުންޏެވެ.
ޖާބިރު ހައްޔަރުކޮށް، ކޯޓަށް ޙާޒިރުކޮށްފައިވަނީ މުވައްޒަފަކަށް މުސާރަ ނުދިން މައްސަލައެއްގައެވެ.
ވަޒީފާއާއި ބެހޭ ޓްރައިބިއުލުން ކޮށްފައިވާ އެހުކުމް ތަންފީޒްކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ޖާބިރު ހައްޔަރުކޮށްގެން ސިވިލް ކޯޓަށް ހާޒިރު ކުރުމަށް އަމުރު ކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ސިވިލް ކޯޓުން މިފަހަކުން ވަނީ ޖާބިރުގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފައެވެ. ނަމަވެސް ފަހުން އޭނާ ފުރުމުގެ ފުރުސަތު ކޯޓުން ދިނެވެ.
މިފަހަކަށް އައިސް ޖާބިރުގެ އެތައް އަޙްލާޤީ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އަދި އއ. މަތިވެރީގައި ހުންނަ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރުގެ ގެސްޓް ހައުސް، ކާސާ މިއާގެ ކަންކަމުގައި އެ ރަށު ރައްޔިތުންނާއި ޖާބިރު އާއި ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއްވެސް ވަނީ ހިނގައިފަ އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ޖާބިރު އއ. މަތިވެރިން ވަޑައިގަތުމުން އޭނާއާ ދެކޮޅަށް ރައްޔިތުން ނިކުމެ ވަނީ އިހުތިޖާޖުކޮށްފައެވެ. އަދި މި މައްސަލައިގައި އޭގެ އަނެއް ދުވަހު އޮތް ރައްޔިތުން މަޖިލިސް ޖަލްސާގައި ޖާބިރު ވަނީ، މަތިވެރީގައި ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ މެންބަރުން އުޅޭކަމަށް ތުހުމަތުކޮށްފައެވެ.
ޖާބިރު މަތިވެރީގައި ހިންގާ ކާސާ މިޔާ ގެސްޓު ހައުސަކީ، 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސް އެކެވެ. އެ ރަށު މީހުން ޖާބިރު އާއި ދެކޮޅަށް ނިކުމެފައިވަނީ، އެ ގެސްޓްހައުސްގައި މަސައްކަތްކުރާ މީހަކަށް މުސާރަ ނުދޭ މައްސަލައަކާއި އަދި ގެސްޓްހައުސްގެ ބިމު ކުއްޔަށް ދައްކަން ޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖާބިރު ނުދައްކަވާ އޮތުމުން ކަމަށް ބުނެއެވެ.