ކ.ކާށިދޫ - ފޮޓޯ: ޝާބިލް

ކާށިދޫގައި ޑެންގޫ ޖެހި ހާލު ދެރަވި ކުއްޖާ މާލެ ނުގެންދެވިފައި

ކ.ކާށިދޫގައި ޑެންގޫ ހުން ޖެހި ހާލު ދެރަވި އެއް އަހަރުގެ ތުއްތު ކުއްޖަކު މާލެ ނުގެންދެވި ލަސްވަމުންދާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އާއިލާއިން މި ނޫހާ ވާހަކަދެއްކި ފަރާތުން ބުނީ، ތުއްތު ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި، މިއަދު މެންދުރުފަހު ޑޮކްޓަރު ލަފާދެއްވާފައިވަނީ ވީ އެންމެ އަވަހަކަށް ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ކަމަށެވެ. ނަމަވެސް މެންދުރު ފަހުން ފެށިގެން މިހާތަނަށް އައިއިރުވެސް ކުއްޖާ މާލެ ގެންދެވިފައި ނުވާކަމަށް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ، ފުރަތަމަ ދަތުރު ފެށީ ކާށިދޫގައި އޮންނަ އެމްއެންޑީއެފްގެ ސީ އެމްބިއުލަންސްގައި ކަމަށާއި، ނަމަވެސް ކަނޑު ގަދަވުމުގެ ސަބަބުން ދަތުރު ނުކުރެވިގެން ސީއެމްބިއުލަންސް އަލުން އަނބުރާ ކާށިދޫއަށް އައީ ކަމަށެވެ. އެއަށްފަހު ގިނަ އިރުތަކެއް ވެފައިވީ ނަމަވެސް އަދިވެސް އަލުން މާލެ ގެންދެވިފައި ނުވާކަމަށް އޭނާ ބުންޏެވެ.

އެއް އަހަރުގެ މި ތުއްތު ކުއްޖާއަށް ޑެންގޫ ހުންޖެހި ހާލު ދެރަވެގެން މާލެ ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު މެންދުރުފަހު 02:40 ގެ ފަހުން ކަމާއި، ނަމަވެސް މިހާތަނަށް މާލެ ނުގެންދެވިފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ކާށިދޫ ހެލްތު ސެންޓަރުން ވިދާޅުވިއެވެ.

ކާށިދޫ ހެލްތު ސެންޓަރ ހިންގުމާ ހަވާލުވެހުންނެވި ޔޫސުފް ސުޖާއު ވިދާޅުވީ، ކުއްޖާގެ ހާލަތު އާއްމު ގޮތެއްގައި ރަނގަޅު ނަމަވެސް ބްލަޑް ޕްލެޓްލެޓް ދަށް ކަމަށެވެ.

"ހާލަތު އާއްމު ގޮތެއްގައި ރަނގަޅު. ވާގޮތަކީ ބްލަޑް ޕްލެޓްލެޓް ދަށްވީމަ އޭގަ މައްސަލަ ޖެހެނީ. ޕްލެޓްލެޓް އަދި އެހާ ދަށެއް ނުވޭ، ޕްލެޓްލެޓަށް ބަލައިގެން ޑޮކްޓަރ އެމެޖެންސީ ކަމަށް ބުނެފަ އިނީ. ބްލަޑްޕްލެޓް ދަށްވާކަމަށް ވަންޏާ ބްލީޑްވުމުގެ ޗާންސް އިންނާނެ. އެހެން ވެއްޖެކަމަށް ވަންޏާ މައްސަލައަކަށް ވާނެ. އަދި އެހާލަތަކަށް ނުއެއްދޭ. އެކަމަކު ކުޑަ ކުއްޖެއް ވީމަ އެހާލަތަށް ދިޔައީމަ ކުރެވޭނެ ކަމެއް ޞިއްޙީ މަރުކަޒުގައި ނުހުންނާނެ." ކާށިދޫ ހެލްތު ސެންޓަރުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ ޔޫސުފް ސުޖާއު ވިދާޅުވިއެވެ.

ކާށިދޫ ހެލްތު ސެންޓަރުން މަޢުލޫމާތު ދެއްވިގޮތުގައި ތުއްތު ކުއްޖާ މާލެ ގެންދިއުމަށްޓަކައި އެމްއެންޑީއެފްގެ ސީ އެންބިއުލަންސް އެއް މިހާރު ދަނީ ކާށިދޫއަށް ދަތުރުކުރަމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ