އަންނަ އަހަރުގެ ބަޖެޓުގައި ޞިއްޙީ ދާއިރާއަށް 8.8 ބިލިޔަން ކަނޑައަޅައިފި

 ޞިއްޙީ ދާއިރާގެ އެކި ކަންކަމަށްޓަކައި ޖުމްލަ 8.8 ބިލިޔަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ކަނޑައަޅައިފިއެވެ.

ސަރުކާރުން މީގެކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް، އަންނަ އަހަރުގެ ބަޖެޓުގައި ޞިއްޙީ ދައިރާއަށް ބޮޑު އިންސައްތައެއް ވަނީ ޚާއްޞަކުރެވިފައެވެ.

ޞިއްޙީ ދާއިރާއަށް ކަނޑައެޅި މި ބޮޑު ބަޖެޓުގެ ތެރޭގައި، ބޭސްފަރުވާގެ އެހީއާއި ޞިއްޙީ އާލާތްތައް ހޯދުމަށްޓަކައި 1.15 ބިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާއާ ގުޅުންހުރި އެކި ދިރާސާތައް ކުރުމަށް 15 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މި ބަޖެޓަކީ ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ދެއްވާ އިސްކަން ދައްކުވައިދޭ ކަމެކެވެ.

ދައުލަތުގެ ޕަބްލިކް ސަރވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ތެރެއިން ވެސް ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ބޮޑު ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ޞިއްޙީ ދާއިރާގެ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 917 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް 430 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، ސިއްޙީ މަރުކަޒުތައް ތަރައްޤީކުރުމަށް 232 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާއި ރިހިބިލިޓޭޝަނަށް 102 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

މި ބަޖެޓުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ރަށްރަށުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، އެކި ސަރަޙައްދުތަކުގައި ހުރި ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން، އައު ހޮސްޕިޓަލާއި ސިއްޙީ މަރުކަޒުތައް ބިނާކުރުމަށާއި، ޞިއްޙީ ދާއިރާއަށް ބޭނުންވާ މުވައްޒަފުން އިތުރުކުރުމަށް ވެސް ބަޖެޓުގައި ބޮޑު އިންސައްތައެއް ހިމެނޭނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މިއީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ