ކޮވިޑް-19 ފެތުރޭ ގައުމުތަކަށް ދަތުރުކުރުމަށްފަހު އިނގިރޭސިވިލާތައް އައްނަ ފަރާތްތައް ކަރަންޓީނުވުމަށް މިހާރު ކަނޑައަޅައިފައިވާ 14 ދުވަހުގެ މުއްދަތު ފަސް ދުވަހަށް ކުޑަކުރެވޭނެ އުސޫލެއް އެގައުމުގެ ޑިޕާޓްމެންޓް އޮފް ޓުރާންސްޕޯޓުން އެކަށައަޅައިފިއެވެ.
ޑިޕާޓްމެންޓް އޮފް ޓުރާންސްޕޯޓުން ބުނީ މިގޮތަށް އައްނަ ފަރާތްތައް ކަރަންޓީނުގެ ފަސްވަނަ ދުވަހު ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްފަހު އެބައްޔަށް ނެގެޓިވުވެއްޖެނަމަ ދޫކޮށްލެވޭނެ ކަމަށެވެ. ނަމަވެސް މި ޓެސްޓައް ފައިސާ ދައްކަން ޖެހޭނީ އަމިއްލައަށް ކަމަށްވެސް ޑިޕާޓްމެންޓް އޮފް ޓުރާންސްޕޯޓުންވަނީ ބުނެފައެވެ.
އިނގިރޭސިވިލާތުގެ އޮތޯރިޓީތަކުން ބުނީ، މި ބަދަލު ގެނެސްފައިވަނީ ދަތުރުފަތުރު ކުރުމުގެ ސިނާއަތު ކުރިއެރުވުމަށް ޓަކައި ކަމަށެވެ. މިހެން ނަމަވެސް މި ކޮވިޑް-19ގެ ޓެސްޓު ހަދަން ޖެހޭނީ ސަރުކާރުގެ ލިސްޓުގައިވާ ހެލްތް ފެސިލިޓީއަކުން ކަމަށެވެ.
އިނގިރޭސިވިލާތުގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ގާތްގަޑަކަށް ހަރަދުވަނީ 65 ޕައުންޑާއި 120 ޕައުންޑާއި ދެމެދެވެ. އިނގިރޭސިވިލާތުން މިހާތަނަށް ކޮވިޑް-19 އަށް 1,538,794 މީހުންވަނީ ޕޮޒިޓިވުވެފައެވެ.




