ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ޒިޔާރަތްކުރައްވައިފި

އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ ލަންޑަންގެ ވެސްޓްމިންސްޓަރ ޕެލަސްގައި ހުންނަ، ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސްގެ ރަސްމީ ގެކޮޅު ކަމުގައިވާ ސްޕީކަރޒް ހައުސްގައެވެ.

މި މުހިންމު ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމާ މެދު މަޝްވަރާކުރެވުނެވެ. ޚާއްޞަކޮށް ތިމާވެށި ޙިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެއަށްފަހު، އެމަނިކުފާނު ވަނީ ތާރީޚީ ޕެލަސް އޮފް ވެސްޓްމިންސްޓަރ ބައްލަވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމުގައި ފާހަގަކުރެވެއެވެ. މި ބައްދަލުވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ކުރިއަށް އޮތް ތަނުގައި އިތުރު އެއްބާރުލުން ލިބި، ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ