އުންމީދަކީ ޖަމިއްޔާތަކާއެކު ހިންގޭ ޕްރޮގްރާމްތައް އިތުރުކޮށް ނަތީޖާ ނެރުން: މަޙްލޫފް

މަދަނީ ޖަމިއްޔާތަކާއެކު ހިންގޭ ޕްރޮގްރާމްތައް އިތުރުކޮށް އެ ޕްރޮގްރާމްތަކުން ރަނގަޅު ނަތީޖާތަކެއް ނެރުމަކީ އުއްމީދެއް ކަމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޙްލޫފް މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހުވަދޫ އެއިޑް ޖަމްއިއްޔާ އާއި ގުޅިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ޖަމިއްޔާތަކާއެކު މަސައަތްކުރުމަކީ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބައި ކަމަށާއި އެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވެސް ޖަމިއްޔާތަކާއި ގުޅިގެން ތަފާތު ޕްރޮގްރާމްތައް ހިންގިފައިވާކަމަށެވެ.

އެގޮތުން ގައުމީ ފެންވަރުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއެކު ޕްރޮގްރާމްތައް ހިންގިފައިވާ ކަމަށާއި އަދި މުޖުތަމަތު ބާރުވެރިކުރުމަށް އެކިއެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީގެންވެސް ޕްރޮގްރާމްތައް ހިންގިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ މަހްލޫފް ވިދާޅުވީ އުއްމީދަކީ ކުރިޔަށް އޮތް ތަނުގައި ވެސް ވީހާ ވެސް ގިނައިން މިފަދަ ހަރަކާތްތައް އިތުރުކޮށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތަކަށް މަސައްކަތް ކުރުން ކަމަށެވެ.

ޖަމިއްޔާތަކަށް އަމާޒުކޮށްގެން ގްރާންޓް ޕްރޮގްރާމެއް ހުޅުވާލިކަން ފާހަގަކުރައްވައި މިނިސްޓަރ މަހްލޫފް ވިދާޅުވީ ކޮވިޑްގެ ސަބަބުން އެ ޕްރޮގްރާމްގެ މަސައްކަތް ހުއްޓުނު ނަމަވެސް އުއްމީދަކީ އަންނަ އަހަރުގެ ތެރޭގައި އެ ޕްރޮގްރާމްގެ މަސައްކަތް ކުރިޔަށް ގެންދިޔުން ކަމަށެވެ. އަދި މި ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕާއެކު ގްރާންޓް ޕްރޮގްރާމަށް ގިނަ ޖަމިއްޔާތަކަކުން ޕްރޮޕޯސަލް ހުށަހަޅުއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ވޯކްޝޮޕް ކުރިޔަށް ގެންދަނީ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ކަމަށްވާއިރު މިފަހަރު ވޯކްޝޮޕްގައި 44 ޖަމިއްޔާއަކުން ވަނީ ބައިވެރިވެފައެވެ. މިއީ މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އަމާޒުކުރެވިގެން ކުރިޔަށް ގެންދާ ވޯކްޝޮޕެކެވެ. މިފަހަރުގެ ވޯކްޝޮޕް ކޮވިޑް 19 އާ ގުޅިގެން ކުރިޔަށް ގެންދަނީ ވަރޗުއަލްކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ